17 Mar 2020, 15:55
ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން ސަރުކާރު ބަންދުކުރުމަށް ނިންމާފައިވާއިރު އެ ދުވަސްތަކަކީ މޫދަށް ދިޔުމަށް، އަދި ކޮފީތަކަށް އެރުމަށް ބަންދުކުރާ ދުވަސްތަކެއް ނޫން ކަމަށާއި އެހެންނަމަވެސް ގޭގައި ތިބުމަށް ބަންދުކުރާ ދުވަސްތަކެއް ކަމަށް ސަރުކާރުން ބުނެފި އެވެ.
މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުން ފެށިގެން، 26 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދުކުރަން ކެބިނެޓުން ވަނީ މިއަދު ނިންމާފަ އެވެ.
ނޭޝަނަލް ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ސަރުކާރު ބަންދު ކުރަން ނިންމާފައިވަނީ ހުރިހާ ރައްޔިތުން ގޭގައި ތިބުމަށް ކަމަށާއި ސިއްހަތަށް ވިސްނާ، އާންމުން ގޭގައި ތިބުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"މި ބުރާސްފަތިން މިއަންނަ ބުރާސްފަތީގެ ނިޔަލަށް މިއޮތީ ސަރުކާރު ބަންދު ދުވަސްތަކެއް. ހުރިހާ ބޭފުޅުންނަށް، ތިބޭފުޅުން [ނޫސްވެރިން] އިލްތިމާސްކޮށްދެއްވާ، މިއީ މޫދަށް ދާކަށް، ކޮފީ ޓޭބަލް އަށް އަރާކަށް ބަންދުކުރާ ދުވަސްތަކެއް ނޫން. މި ދުވަސްތަކަކީ ގޭގައި ތިބޭ ދުވަސްތަކެއް،" މަބްރޫކު ވިދާޅުވި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ކޮރޯނާވައިރަސްއާ ގުޅިގެން އާންމުން އުޅޭ ތަންތަނުގެ އިތުރުން ގޭތެރެވެސް ގިނަގިނައިން ސާފުކޮށް ހެދުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"މި އެޑްވައިސް ހުރިހާ އެންމެންވެސް ފޮލޯކުރުމަކީ ވަރަށް މުހިއްމު ކަމެއް. އެއީ ކޮންމެ ބައެއްވެސް މި އެޑްވައިސްތައް ފޮލޯކޮށްގެން އަސްލު އަޅުގަނޑުމެންނަށް މި ބަލިން ރައްކާތެރިވެ ތިބެވޭނީ،" އޭނާ ވިދާޅުވި އެވެ.
ބަލިން ރައްކާތެރިވުމަށް، ސެލްފް އައިސޮލޭޝަނަށް ދާން އަންގާ އެންގުމަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާ އެންގުމާއި ގައިޑްލައިނަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އެފަދަ މައުލޫމާތުތައް ހުރި ނަމަވެސް ބަލިން ރައްކާތެރިވެވޭނީ އެންގުންތަކަށް އަމަލުކޮށްގެން ކަމަށް ޝަހީދު ވިދާޅުވި އެވެ.