17 Mar 2020, 16:38
މިހާރު ރާއްޖެ އާއި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން، ކަސްޓަމްސްއިންވެސް ގިނަ ފިޔަވަޅުތަކެއް އަޅައިފި އެވެ.
އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާއި އިރުޝާދާއި އެއްގޮތްވާގޮތަށް ބަނދަރުތަކުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ރައްކާތެރިކަމުގެ ގޮތުން މުވައްޒަފުން ބޭނުންކުރަންޖެހޭ އާލާތްތައް ފޯރުކޮށްދިނުމާއި އެތަކެތި ރައްކާތެރިކަމާއެކު ނައްތާލެވޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަަމަށް ކަސްޓަމްސްއިން ބުންޏެވެ.
އޭގެ އިތުރުން މާބަނޑު މުވައްޒަފުންނާއި އެ ބަލީގެ ނުރައްކާ ބޮޑުކަމަށް ކަމާ ބެހޭ ފަރާތްތަކުން ފާހަގަކޮށްފައިވާ ސިއްހީ އެކި މައްސަލަތައް ހުރި މުވައްޒަފުންނާއި ރޯގާގެ އަލާމާތްތައް ހުރި މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް ޗުއްޓީ ވަނީ ހަމަޖައްސައިދީފަ އެވެ.
މުވައްޒަފުން ބައްޔަށް ހޭލުންތެރިކުރުވައި، އޮފީހުގެ އެކި ތަންތަނުގައި އަތް ދޮވެވޭނެ އިންތިޒާމު ހަމަޖައްސައި ސެނިޓައިޒަރު ވަނީ ބަހައްޓައިފަ އެވެ.
ކަސްޓަމްސްއން ވަނީ މާލޭ އޭރިއާގެ އިތުރުން ރީޖަނަލް އޮފީސްތަކުގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސް ހިދުމަތް ދޭން ބޭނުންވާ އެންމެ މަދު ޢަދަދެއްގެ މުވައްޒަފުން ބޭނުންކޮށްގެން މާދަމާއިން ފެށިގެން ހިދުމަތް ދޭން ނިންމައިފައެވެ.
ބަނދަރުތަކުން ހިދުމަތްދޭ ގަޑިތައް:
- އެއާކާގޯ ޑޮކިއުމެންޓޭޝަން އަދި އެއާކާގޯ އެގްޒަމިނޭޝަން: ހެނދުނު 06:00 އިން މެންދަމު 1:30 (ކޮންމެ ދުވަހަކު)
- ސީކާގޯ ޑޮކިއުމެންޓޭޝަން އަދި ސީކާގޯ އެގްޒަމިނޭޝަން:
ހެނދުނު 08:00 އިން ރޭގަނޑު 8:00 އަށް. (ހުކުރު ބަންދު) - ހުޅުމާލެ ސީކާގޯ އެގްޒަމިނޭޝަން: ހެނދުނު 08:00 އިން ރޭގަނޑު 20:00 އަށް. (ހުކުރު ބަންދު)
މީގެ އިތުރުން، ހާޒިރީ ރިކޯޑުކުރުމަށާއި އޮފީހަށް ވަދެ ނުކުތުމަށް ފިންގަޕްރިންޓް ޖެހުން ހުއްޓާލައި ޕްރޮކްސިމިޓީ ކާޑު ބޭނުންކުރަން ވެސް ވަނީ ފަށައިފަ އެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކުން ކަސްޓަމްސްގެ އޮންލައިން ހިދުމަތްތަކުގެ ބޭނުން ވީހާވެސް ފުޅާދާއިރާއެއްގައި ހިފުމަށް އަންނަނީ ބާރު އަޅަމުންނެވެ. އަދި އޮފީހުގައި ބޭއްވޭ ބައްދަލުވުންތައް ވީހާވެސް މަދުކޮށް ރާއްޖެއިން ބޭރަށް ކުރެވޭ ދަތުރުތައް މެދުކަނޑާލަން ވެސް ވަނީ ނިންމައިފަ އެވެ.