12 Dec 2011, 18:26
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ އާ ބަޔަކު ދިމާކޮށްލައި ބަޔަކު ހަމަލާދޭން މިއަދު މަސައްކަތް ކޮށްފި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއަދު ހަވީރު 3:00 އެހާކަންހާއިރު އޭނާ ރައްޓެއްސަކާ ބައްދަލުކޮށްލަން ބަނޑޮސް މާލޭ އޮފީހަށް ވަޑައިގެން އެ އޮފީހުން ނުކުންނެވިތަނާ ބަޔަކު އޭނައާ ދިމާކޮށް ގަޔަށް އަތްލައި ހަމަލާދޭން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ހަމަލާދޭން އުޅުނު ވަގުތު އޭނާގެ ސެކިއުރިޓީ ގާޑު އެދެ މެދަށް ވަނުމުން ސެކިއުރިޓީ ކޮށްޕާލައި އޭނާ އަށް ވެސް ހަމަލާދޭން އުޅުނު ކަމަށެވެ.
"އަޅުގަނޑު މިއަދު ދިޔައީ މީހަކާ ބައްދަލުކޮށްލަން ވެގެން ބަނޑޮސް މާލޭ އޮފީހަށް. ގޮސް އެތަނުން ނުކުތްތަނާ އެމްޑީޕީގެ އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ހައެއްކަ މީހުން އައިސް ދިމާކޮށްލީ. އެމީހުން ހަޅޭލައްވަމުން ގަޔާއި ދިމާލަށް އައީ. އަޅުގަނޑު ސައިކަލަށް އެރީމަވެސް ސައިކަލް ނެރުނަނުދީ އަދި އަޅުގަނޑުގެ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާ ކޮއްޕާލާ ގަޔަށް އަތްލާން ދިމާކުރީ. އެވަގުތު އެތަނުން ފެނުނު ކާރަކަށް އެރުމުން އަޅުގަނޑަށް ސަލާމަތް ވެވުނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހުންނާ މިހާރު ސުވާލުކުރަމުން އަންނަ ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: