18 Mar 2020, 09:35
ބޮލީވުޑްގެ ބަތަލު ޕުލްކިތް ސަމްރަތް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ހާތީ މޭރޭ ސާތީ" ރިލީޒްކުރުން ފަސްކޮށްފިއެވެ.
ފިލްމުގެ ޓީމުން ކުރި ޓްވީޓެއްގައި ބުނީ އަންނަ މަހުގެ ދެވަނަ ދުވަހު ރިލީޒްކުރަން ނިންމި އެ ފިލްމު ރިލީޒްކުރުން ފަސްކުރީ މިހާރު ފެތުރެމުންދާ ނުރައްކާތެރި ބަލި ކޮރޯނާވައިރަހާ ގުޅިގެން ކަމަށެވެ. އެ ޓީމުން ބުނީ މި ދަނޑިވަޅުގައި އެންމެ މުހިއްމުކަމަކަށް ދެކެނީ އާންމުންގެ ސިއްހީ ހާލަތު ކަމަށެވެ. މި ފިލްމު ފަސްކުރި އިރު އިންޑިއާގެ ގިނަ ސިނަމާތަކެއްވެސް ވަނީ ބަންދުކޮށްފައެވެ.
ހިންދީ ތަމަޅަ އަދި ތެލެގޫ ބަހުން ރިލީޒްކުރަން ނިންމާފައިވާ އެ ފިލްމުގެ ތަރިންނަކީ ރާނާ ދަގޫބަތީ، ޒޯޔާ ހުސައިންގެ އިތުރުން ޝްރިޔާ ޕިލްގާއޯންކަރެވެ. ފިލްމުގެ ޑައިރެކްޓަރަކީ ޕްރަބޫ ސޮލޮމޮންއެވެ.