މާލެ ސަރަހައްދުން ކުނި އުކާލުމުގެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ސަރުކާރުން އަހަރަކު ގާތްގަނޑަކަށް އަށް މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާލެ ސަރަހައްދުން ކުނި އުކާލަން ތައްޔާރު ކޮށްފައިވާ އެކްޝަން ޕްލޭނާ ބެހޭ ގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް ސިޓީ ކައުންސިލްގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މާލެ ސިޓީގެ ކައުންސިލް މެންބަރު އަހްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވީ، މާލެ އާއި މާލެ ކައިރި ސަރަހައްދުން ކުނި އުކާލަން ހަވާލުކޮށްފައިވާ އިންޑިއާގެ ޓަޓްވާ ގްލޯބަލް ރިނުއަބަލް އެނާޖީ ޕުރައިވެޓް ލިމިޓެޑަށް އަހަރު ގާތްގަނޑަކަށް އަށް މިލިއަން އެމެރިކާ ޑޮލަރު (123 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށެވެ.

ރުކުމާ އިތުރަށް ވިދާޅުވީ، އެ ޕްރޮޖެކްޓު 20 އަހަރު ދުވަހަށް ހަވާލުކުރެވިފައިވާ ޓަޓްވާ ގްލޯބަލް ރިނުއަބަލް އެނާޖީ ޕްރައިވެޓް ލިމިޓެޑްއިން އެ މަޝްރޫއަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ހަރަދު ކުރާ ކަމަށެވެ.

އެ މަޝްރޫއަށް ތިލަފުށިން އިތުރަށް 10 ހެކްޓަރުގެ ބިން ހިއްކަން ޖެހޭނެ ކަމަށް ރުކުމާ ވިދާޅުވި އެވެ. އެގޮތުން އަންނަ އަހަރުގެ މާޗް މަސްތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށާއި އެ މަޝްރޫއު ނިއްމާލުމަށް ގާތްގަނޑަކަށް 18 މަސްނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޕްރޮޖެކްޓްގެ ކޮންސަލްޓެންޓް ޑރ. ސިމާދު ސައީދު ވިދާޅުވީ، ކުނީގެ މައްސަލައަކީ ރާއްޖެ އަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މި ޕްރޮޖެކްޓްގެ ސަބަބުން ގިނަ ލުއިފަސޭހަތަކެއް ވެގެން ދާނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ސިއްހީ ހާލަތު ވަރަށް ބޮޑުތަން ރަގަޅުވެގެން ދާނެ ކަމަށާއި މިހާރު ބޭރުކުރަމުންދާ ގްރީން ހައުސް ގޭސްތަކުގެ މިންވަރު ވެސް މަދުވެގެންދާނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ވެސް ޑރ. ސިމާދު ވިދާޅުވި އެވެ.

ޑރ. ސިމާދު އިތުރަށް ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ކުނި އެޅުމަށް ކޮންމެ ގޭބިސީއެއްގައި ދެ ވައްތަރެއްގެ ކުނި އެޅުމަށް ޑަސްބިން ބެހެއްޓުމުގެ އިތުރުން، ހޮޓާ ރެސްޓޯރަންޓު ތަކާއި މަސްމާރުކޭޓާއި ލޯކަލް މާރްކޭޓުގައި ވެސް ޑަސްބިންތަކެއް ބެހެއްޓޭނެ ކަމަށެވެ.

އަދި މާލޭގެ އާބާދީއަށް ބެލުމަށް ފަހު ފަސް ސަރަހައްދަކަށް މާލެ ބަހާލައިގެން ކުނި އެއްކުރެވޭނެ ކަމަށާއި އެގޮތުން އެއް ކުރެވޭ ކުނިތައް ތިލަފުއްޓަށް ގެންގޮސް އެދެވޭ ގޮތެއްގައި ބޭނުންހިފި، ނައްތާ ނުލެވޭ ތަކެތި އެކަމަށް ހާއްސަ ކުރިވެފައިވާ ނިޒާމެއްގެ ދަށުން ވަޅުލެވޭނެ ކަމަށް ވެސް ޑރ. ސިމާދު ވިދާޅުވި އެވެ.