ރެޑްވޭވުން ހުޅުމާލޭގައި ހިންގާ ދެ ފިހާރައަށް ދާ ކަސްޓަމަރުންގެ ހުން ބަލަން ފަށައިފި އެވެ.

ރެޑްވޭވުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިއީ އާންމުންގެ ހުރި ބައެއް ކަންބޮޑުވުންތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ފެށި ހަރަކާތެއް ކަމަށެވެ.

"ދަތިތަކެއް ހުރުމުން އަދި ހުރިހާ ފިހާރައެއްގައި މިކަން ނުކުރެވިގެން މިއުޅެނީ. އެކަމަކު އެންމެ ގިނައިން ކަސްޓަމަރުން ޒިޔާރަތްކުރާ ދެ ފިހާރައަށް [ރެޑްވޭވް މެގަމޯލް، ރެޑްވޭވް ސިޓީ ސްކޮޔާ] އަންނަ ކަސްޓަމަރުންގެ ޓެމްޕަރޭޗާ ބަލަމުން މިދަނީ،" އޮފިޝަލު ވިދާޅުވި އެވެ.

ސްޓޮކް ލިބުމުގައި ދަތިތަކެއް ހުރިތޯ ސުވާލު ކުރުމުން ރެޑްވޭވުގެ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ބޭފުޅަކު ކަމަށްވާ އަލީ ޝަހީމް ވިދާޅުވީ ސެނިޓައިޒާ ލިބުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް އެބަހުރި ކަމަށެވެ.

"ސެނިޓައިޒާ ލިބުމުގައި ދަތިތަކެއް އެބަހުރި. ވާ ގޮތަކީ ކޮވިޑް19ގެ އަސަރު ނުކުރާ ގައުމެއް ނެތް، އެހެންވެ ކޮންމެ ގައުމަކުން ވެސް [ރެޑްވޭވްގެ މެއިން މާކެޓު، ޔޫއޭއީ]އިން ވެސް ބަލަނީ އެތަނުގައި ބޭނުން ކުރަން އެތަކެތި ހިފެހެއްޓޭތޯ." ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން ރެޑްވޭވުން އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ގައުމު ކަމަށްވާ މެލޭޝިއާގެ ހާލަތަށް ރިއާޔަތް ކުރައްވަމުން ޝަހީމް ވިދާޅުވީ، ވައިރަހާ ގުޅިގެން އެގައުމުގައި ފިޔަވަޅުތަކެއް އަޅަމުންދިޔަ ނަމަވެސް، ފެކްޓްރީތައް ބަންދުނުކުރާހާ ހިނދަކު އެގައުމުން އެތެރެކޮށްގެން ވިއްކާ މުދަލުގެ އަގުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

މި ދުވަސްވަރު ބޭންކު ރޭޓުގައި ޑޮލަރު ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެނަމަ، މުދަލުގެ އަގު އުފުލޭނެ ކަމަށް ގިނަ އަދަދެއްގެ ވިޔަފާރިވެރިން، ހާއްސަކޮށް މުދާ އެތެރެކުރާ ބައެއް ކުންފުނިތަކުން ދަނީ ބުނަމުންނެވެ.

"މުދާ [ހާއްސަކޮށް ކާބޯތަކެތީގެ ބާވަތްތައް] އިމްޕޯޓުކުރާ ކުންފުނިތަކަށް ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ޑޮލަރު ލިބުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުން ވަރަށް މުހިންމު." ޝަހީމް ވިދާޅުވި އެވެ.

ކޮރޯނާވައިރަހާ ގުޅިގެން މިހާރު މި އޮތް ހާލަތު ދިގުދެމިގެންގޮސްފި ނަމަ، ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ މުދަލުގެ ބާވަތްތައް ޑެލިވަރީ ކޮށްދޭނެ ކަމަށް ރެޑްވޭވުން ވަނީ ބުނެފަ އެވެ.

މި ބަލިން ރައްކާތެރިވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ރެޑްވޭވުން މިދިޔަ ހަފްތާގައި 20،000 ފޭސް މާސްކު ވެސް އާންމުންގެ މެދުގައި ވަނީ ބަހައިފަ އެވެ.