"އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހީން" މިނަމުގައި މި މަހުގެ 23 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާގެ ވެބްސައިޓްގައި ޝާއިރުކޮށްފައިވާ ބައެއް ލިޔުންތައް ނަގައިފި އެވެ.

އެ ވެބްސައިޓްގައި ކުރިން ޝާއިރުކޮށްފައިވާ ލިތުންތަކުގައި ވަނީ "ގާނޫނާއި ގަވާއިދު މުގުރާފައި އިސްލާމް ދީނަށް ގޮންޖަހާ މީހުންގެ ހުކުމަކީ ރައްޔިތުން ނުކުމެ އެމީހުން މެރުން" އަދި މިއަދުގެ ގާނޫނާއި ގަވާއިދަކީ ރައްޔިތުން ނުކުމެ އިސްލާމް ދީނާއި ދެކޮޅު މީހުން މެރުން.. ހިތްވަރު ދޭ މީހުން މެރުން، އިސްލާމްދީނަށް ގޮންޖަހާ ކޮންމެ ފަހަރަކު އެމީހެއްގެ ފުރާނަ ދުއްވާލުމަށް ދިވެހީން މިތިބޭ ޕާޓީއަކަށް ބެލުމެއް ނެތި ތައްޔާރަށް،" މިހެންނެވެ.

މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ އެ ލިޔުންތައް ވެބްސައިޓްގައި ޝާއިރު ކުރެވިފައި ވަނީ ޓެކްނިކަލް ޓީމަށް ބަލަންވާ ވަރަށް ބެލިފައި ނުވުމުން ކަމަށެވެ. އަދި ވިދާޅުވީ ވެބްސައިޓް ލޯންޗް ކުރުމަށް ފަހު ލިޔުންތަކުގައި މައްސަލަ ހުރިތޯ ބަލަމުން ދިޔައިރު ކޮމެޓީއަށް ނުފެންނަ ލިޔުންތައް ނެގި ކަމަށާއި އެއީ އެއްވެސް ފަރާތެއްގެ ޕްރެޝަރަކަށް ކުރި ކަމެއް ނޫންކަމަށެވެ.

"މިހާރު އަޅުގަނޑުމެން މީގެ ހަފްތާއެއް ކުރިން މި ވެބްސައިޓް ހެދުމަށްޓަކައި ޑްރާފްޓެއް ހަދާފައި. ދެން މި އެއްޗިތައް އެއްކޮށްފައި އަޅުގަނޑުމެން އިއްޔެ އޭގެ ކަރެކްޝަން ވެސް ހަދާފައި. ދެން އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން އެ އެއްޗިހި ބަލަންވާ ވަރަށް ނުބަލާ ލޯންޗް ކުރި އިރު ހުރިހާ ތަކެއްޗާ އެކު ލޯންޗް ކުރެވިފައި ހުރީ. ވެބްސައިޓް ލޯންޗް ކުރުމަށް ފަހު ވެބްސައިޓް ބަލާ ލިޔުންތަކުގައި މައްސަލަ ހުރިތޯ ބަލަމުން ދިޔަ އިރު ކޮމެޓީ އަށް ނުފެންނަ އެއްޗެއް ނެގީ އެއީ ވަކި އެއްވެސް ފަރާތެއްގެ ޕްރެޝަރަށް ކުރި ކަމެއް ނޫން،" އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.

ވެބްސައިޓްގައި ޝާއިރު ކުރި ލިޔުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ އެ ލިޔުންތަކުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޝޭހު އާދަމް ޝަމީމް ގޮވާލައްވަނީ ދިވެހީންގެ ބަޔަކު ނުކުމެ ދިވެހީން މަރާލުމަށް ކަމަށެވެ.

"އަޅުގަނޑު މިދަންނަވަނީ ޝޭޚު އިމްރާން އަބްދުﷲ އާއި ޝޭހު އާދަމް ޝަމީމް އިބުނި އިބްރާހިމާއި ދެ ބޭފުޅުން އެ ގޮވާލައް ވަނީ ދިވެހީންގެ ބަޔަކު ނުކުމެ ދިވެހީން މަރާލުމަށް. އެއީ އެއްވެސް ގާނޫނަކުން އަދި ދީނީ ގޮތަކުން އަޅުގަނޑުމެންނަށް އެނގެން އޮތްކަމެއް ނޫން،" ޒުހައިރު ވިދާޅުވި އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Mohammed Zuhair (mp3)

Mohammed Zuhair (mp3)