އިކޮނޮމިކް މިނިސްޓްރީގެ ގިނަ ހިދުމަތްތައް ކޮވިޑް19އާ ގުޅިގެން ނެރެފައިވާ ޔެލޯ އެލާޓް ހާލަތުގައި އޮންލައިންކޮށް ދޭ ގޮތަށް ބަދަލު ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި އެ މިނިސްޓްރީގެ ހިދުމަތްތައް ދޭނެ ގޮތުގެ ތާވަލެއް ވަނީ ހިމަނާފަ އެވެ.

އެގޮތުން އެ މިނިސްޓްރީގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން މިނެކިރާ ތަކެތީގައި ކައްޓާ ޖެހުމާއި ސިޓީފަދަ ތަކެތި ބަލައިގަތުން ފިޔަވައި އެހެން ހުރިހާ ހިދުމަތެއް އޮންލައިން/އީމެއިލް މެދުވެރިކޮށް ކުރާ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން އެ މިނިސްޓްރީގެ ލޭބާ ސެކްޝަނުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތެއް ވެސް އޮންލައިންކޮށް ދޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީގެ ގިނަ ހިދުމަތްތައް އޮންލައިންކޮށްފައިވާއިރު، މިއަދުން ފެށިގެން ފިނޭންސް މިނިސްޓްރީއަށް ފޮނުވާ ސިޓީ ފަދަ ތަކެތި އޮންލައިންކޮށް ބަލައިގަތުމަށް އެ މިނިސްޓްރީން ވެސް ވަނީ ނިންމާފަ އެވެ.