ވޮޝިންޓަން (17 މާޗް 2020) : އެމެރިކާގެ އެންމެ ހައްސާސް ވުޒާރާ ކަމަށްވާ ދިފާއީ ވުޒާރާގެ 37 މީހަކަށް ކޮރޯނާ ވައިރަސް ޖެހިއްޖެއެވެ.

ޕެންޓަގަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެވުޒާރާގެ މުވައްޒަފުންގެ ތެރެއިން 37 މީހުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ދިފާއީ ވަޒީރު މާކް އެސްޕާ އާއި އޭނާގެ ނައިބުވެސް ހުންނެވީ އެ ވައިރަސް ގެ ސަބަބުން ކަރަންޓީނުގައި ކަމަށެވެ. ނަމަވެސް އެސްޕާއާއި އޭނާގެ ނައިބު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވިކަން ޕެންޓަގަން އިން ކަށަވަރުކޮށެއް ނުދެއެވެ.

އަނެއްކޮޅުން އެމެރިކާ ސިފައިންގެ މުއައްސަސާއިންވަނީ އެމެރިކާ ސިފައިންގެ 18 މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވިކަން ކަށަވަރުކޮށްދީފައެވެ. މިއާއެކު އެމެރިކާ ސިފައިންގެ ތެރޭގައި ފުޅާދާއިރާއެއްގައި ކޮރޯނާ ވައިރަސް ފެތުރި އެމެރިކާ ސިފައިންގެ ހަރަކާތްތަކަށް ހުރަސްއެޅޭފަދަ މިންވަރަކަށް އެކަން ހިނގައިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ.

ޕެންޓަގަން އިން ބުނެފައިވަނީ އެވުޒާރާގެ ލޮބޯޓްރީ ތަކުގައި އެމެރިކާ ސިފައިންނާއި ޕެންޓަގަން ގެ ބައެއް މުވައްޒަފުން ހިމެނޭގޮތަށް 495 މީހެއްގެ ސާމަޕްތައް ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރަމުން ގެންދާކަމުގައެވެ. އެމެރިކާގައި ކޮރޯނާ ވައިރަސް ވަރަށް ބާރަށް ފެތުރެމުންދާއިރު މިހާތަނަށް އެމެރިކާގެ އެކި ސްޓޭޓްތަކުން 3500 މީހުންނަށް އެ ރޯގާޖެހި އޭގެތެރެއިން 65 މީހުން ވަނީ މަރުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިންވަނީ ކޮރޯނާ ވައިރަސް ޗައިނާގައި ފެތުރެމުންދާތީ މަލާމާތުގެ ރާގެއްގައި އެ ރޯގާއާމެދު ވާހަކަ ދައްކަވާފައެވެ. މިއާއެކު އިލްމީ ހަގީގަތްތައް ގަބޫލު ނުކުރައްވައި ކޮރޯނާ ވައިރަސްގެ މައްސަލަ އިހުމާލުކޮށްލެއްވިކަމުގެ ތުހުމަތު އެމެރިކާގެ އެތެރެއިންވަނީ ޓްރަމްޕްގެ މައްޗަށް ކުރެވިފައެވެ. ނަމަވެސް ޗައިނާއިން ކޮރޯނާ ވައިރަސް ކޮންޓްރޯލް ކޮށް އެމެރިކާގައި އެ ވައިރަސް ވަރަށް ބާރަށް ފެތުރެން ފެށުމުން ޓްރަމްޕްވަނީ އޭނާގެ ރާގު ބަދަލުކުރައްވައި ވަރަށް ދެރަފުޅުވެ ވަޑައިގެން އެ ރޯގާއާބެހޭގޮތުން ވާހަކަ ދައްކަވައި ޓްވީޓްތައް ކުރައްވަން ފައްޓަވާފައެވެ. (ނޫސްއެޖެންސީތައް)