ކޮރޯނާ ވައިރަސް އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އަންނަ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަ ވެސް ކުރާތީ، އެ އަސަރުތައް ކުޑަކުރުމުގެ ގޮތުން ފުލުހުން ވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

ފުލުހުންގެ މުވައްސަސާ އިން ބުނީ ހަރަދު ކުޑަކުރުމުގެ ގޮތުންނާއި ފުލުހުންގެ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.

އެގޮތުން ފުލުހުންގެ ކެއުން ބުއިމުގައި ކުރެވޭ އިސްރާފު ކުޑަކުރުމަށާއި، ސިއްހީގޮތުން ގައިންގަޔަށް ބަލި އަރާފާނެ ހުރިހާ ކަމަކުން އެންމެހާ މުވައްޒަފުން ރައްކާތެރިކުރުމަށް އިސްކަން ދޭ ކަމަށް ބުންޏެވެ.

އެގޮތުން، ސިއްހަތަށް ފައިދާހުރި ކާނާ ބޭނުން ކުރުމަށް ބާރު އެޅުމުގެ ގޮތުން މިއަދުން ފެށިގެން މާލޭގައި ގާއިމްކުރެވިފައިވާ ފުލުހުންގެ މެސްރޫމްތަކުން ކެއުން ހަމަޖައްސަމުން ގެންދާނީ ސެޓް މެނޫއެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ. އަދި ކޭޓަރިން އަށް އޯޑަރު ދޭ އިރު ޑެއިލީ އޯޑަރަށް ބަދަލުކުރަންވެސް ނިންމާފައިވާކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ހަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މެދުކަނޑާލާ، އަތޮޅުތެރޭގައި ކުރާ ދަތުރުތަކުގައި ވެސް ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް އެ މުވައްސަސާ އިން ބުންޏެވެ.

ކޮންމެހެން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ފިޔަވައި އެހެން މަސައްކަތްތައް ހުއްޓާލާ، ކަރަންޓާއި ފެނުގެ ހަރަދުތައް ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އަޅައި، ދައުލަތުގެ ފައިސާ ހަރަދުކޮށްގެން އެއްވެސް މުނާސަބަތެއް ފާހަގަކުރުން ހުއްޓާލަންވެސް ނިންމާފައިވާ ކަމަށް ބުންޏެވެ.

އިސްރާފު ނުކުރުމަށާއި، އިތުރު ހަރަދުތައް ހިނގާ ކަންތައް ނުކުރުމުގެ އިތުރުން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންގެ މުވައްސަސާގެ ހުރިހާ މުވައްޒަފުންނަށް އަންގާފައިވާނެ ކަމަށް އެ މުވައްސަސާ އިން ބުންޏެވެ.

ކޮރޯނާ އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަންނާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މިއާއެކު ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ހުރިހާ މުވައްސަސާއަކަށް ފިނޭންސް އިން ވަނީ އަންގައިފަ އެވެ.