17 Mar 2020, 16:10
ކޮވިޑް-19 އާ ގުޅިގެން ފަސްކޮށްފައިވާ މެޗުތަކުގެ ފިކްސްޗާސްތަކާއި ކުޅުންތެރިންގެ ކޮންޓްރެކްޓުތަކަށް ކުރާނެ އަސަރުތައް ބެލުމުގެ މަސައްކަތް، ދުނިޔޭގެ ފުޓުބޯޅަ ގަވަނިން ބޮޑީ ފީފާ އިން ފަށައިފި އެވެ.
ފުޓުބޯޅައިގެ އެންމެ ބޮޑު ފަސް ލީގު މިހާރު ވަނީ އެއްކޮށް މަޑުޖައްސާލާފައެވެ. އަދި ސަސްޕެންޝަނަށްފަހު މެޗުތައް ފަށަންވެއްޖެ ނަމަ ފިކްސްޗާގައި ހުރިހާ މެޗުތަކެއް ފުނި ޖެހޭނެއެވެ.
އެއާއެކު މިހާރު ކުރިއަށްދާ ސީޒަންތައް މެދުކަނޑާލުމާ ދޭތެރޭގައިވެސް ދަނީ ވާހަކަ ދެކެވެމުންނެވެ. ނަމަވެސް އެއާއެކު ދެން ކުރިމަތިވާ މައްސަލައަކީ ކުޅުންތެރީންގެ ކޮންޓްރެކްޓުގެ މައްސަލައެވެ.
މި ސީޒަން އާ ހަމައަށް ކޮންޓްރެކްޓު ހަދާފައިވާ ކުޅުންތެރިންގެ ކޮންޓްރެކްޓު ޖޫން މަހުގެ 30 ގައި ހަމަވާނެއެވެ. އެހެންކަމުން މިހާރު ހުރި ސްކުއޮޑްތަކާއެކު މެޗުތައް ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ވަނީ ބޮޑެތި މައްސަލަތަކެއް ފެންމަތިވެދާނެ ކަމަށް އިޝާރާތްކޮށްފައެވެ.
ފީފާގެ ތަރުޖަމާނެއް މައުލޫމާތު ދެއްވިގޮތުގައި އެ ޖަމިއްޔާއިން މިހާރު މަސައްކަތްކުރަނީ ހާލަތު ދެނެގަނެ ކުރިއަށް މަސައްކަތްކުރާނެ ގޮތެއްގެ މަގުޗާޓެއް ހެދުމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ ވައިރަސްގެ ސަބަބުން ފުޓުބޯޅައިގެ ހުރިހާ ދާއިރާތަކަަށް ކުރާނެ ގެއްލުމާއި އަސަރުތައް ދެނެގަންނަން. އަދި މިކަމަށް އިތުރު މައުލޫމާތު ބޭނުންވޭ،" އޭނާ ވިދާޅުވިއެވެ.
ޗެމްޕިއަންސް ލީގު ކޮލިފިކޭޝަނަށް ވާދަކުރާ ކްލަބުތަކުގެ ތެރޭގައި ހިމެނޭ ޗެލްސީއަށްވެސް ބޮޑު އަސަރެއް ކޮށްފާނެ ކަމުގެ ސިގުނަލުތައް ވަނީ ދައްކާފައެވެ. އެގޮތުން އެ ޓީމުގެ އޮލިވިއޭ ޖިރޫޑް އާއި ޕެޑްރޯ އަދި ވިލިއަމް އަކީ ޖޫން 30ގައި ކޮންޓްރެކްޓް ހަމަވާނެ ކުޅުންތެރިންނެވެ.