ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން ސްޕެއިނުގެ އުމުރުން 21 އަހަރުގެ ފުޓުބޯޅަ ކޯޗެއް މަރުވެއްޖެއެވެ.

ސްޕެއިނުގެ ބޮޑު ތާރީޙެއް އޮތް މަލާގާ ފުޓުބޯޅަ ޓީމުގެ ޔޫތް ޓީމަކަށް ކޯޗުކަން ކޮށްދެމުން އައި ފްރެންސިސްކޯ ގާސިއާއަކީ 2016 ވަނަ އަހަރުން ފެށިގެން އެ ކުލަބަށް ހިދުމަތް ކޮށްދެމުން އައި ޒުވާނެކެވެ. ކޮރޯނާއަށް ޕޮސިޓިވްވިކަން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިނގިގެން ގާސިއާ ޑޮކްޓަރަށް ދެއްކި އިރު އޭނާގެ ގައިގައި ކެންސަރު ހުރިކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދަމުންދާ ފަރާތްކަށާއި އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަސަރު ބޮޑުވެފައިވާ މި ވައިރަސްގެ ސަބަބުން ސްޕެއިންގައި މިހާތަނަށް 297 މީހުން މަރުވެފައިވާ އިރު ގާސިއާއަކީ މި ބަލީގެ ސަބަބުން މަލާގާ ސަރަހައްދުން މަރުވި ފަސްވަނަ މީހާއެވެ.

ސްޕެއިންގެ ޔޫތު ޓީމެއްގެ ކޯޗަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވިއިރު، ސްޕެނިޝް ލީގުގައި ވާދަކުރަމުން އަންނަ ވެލެންސިއާގެ 35 ޕަސަންޓު ކުޅުންތެރިންނަށް ވަނީ ކޮރޯނާ ޖެހިފައެވެ. އަދި ސްޕެނިޝް ލީގުގެ މެޗުތައް މިހާރު ވަނީ މެދުކަނޑާލާފައިވާއިރު، ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ކުޅުންތެރިއަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވުމުން، ރެއާލް މެޑްރިޑްގެ ފުޓްބޯޅަ ޓީމުވެސް މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ.

ގާސިއާގެ މަރާ އެކު އޭނާ ވެގެން ގޮސްފައި ވަނީ މުޅި ދުނިޔެއިން ވެސް ކޮރޯނާ ޖެހިގެން މަރުވި އެންމެ ޒުވާން މީހާއަށެވެ. މީގެ ހަފުތާއެއް ކުރިން އިނގިރޭސިވިލާތުގައި އަލަށް އުފަންވި ކުއްޖެއްގެ ގައިން ވެސް މި ވައިރަސް ފެނުނު ނަމަވެސް އެ ކުއްޖާގެ ހާލު މިވަގުތު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ޔޫރަޕް ފުޓުބޮޅައިގެ މަޝްހޫރު ކުޅުންތެރިންނާއި ކޯޗުންތަކަކަށް މި ބަލި މިހާތަނަށް ޖެހިފައިވާ އިރު ބަލި ފެތުރުން އިތުރުވާނަމަ މެދުކަނޑާލާފައިވާ ލީގުތައް ފަށަން ހަމަޖެހިފައިވާ ތާރީހުތަކަށް ނުފަށާނެއެވެ.