17 Mar 2020, 10:29
ކޮރޯނާވައިރަހާ ގުޅިގެން ޖަރުމަނުގެ ބުންޑަސްލީލާގެ މިހާރުވެސް ކުރިއަށްދާ ސަސްޕެންޝަން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ނިންމައިފިއެވެ.
ޖާމަން ފުޓްބޯލް ލީގު (ޑީއެފްއެލް)އިން ހުށަހެޅި ހުށަހެޅުމަށް ޖަރުމަނުގެ ދެ ޓޮޕް ޑިވިޝަނުގެ 36 ކްލަބަކުން ވަނީ އެއްބަަސްވެ ސަސްޕެންޝަނުގެ މުއްދަތުގެ އިތުރުކޮށްފައެވެ.
އަންނަ މަހުގެ ނިޔަލަށް ބުންޑަސްލީގާގެ ސަސްޕެންޝަން ބޭއްވުމަށް ނިންމި ނަމަވެސް 2019-2020 ސީޒަން ނިންމުމަށްޓަކައި ބަންދުކޮށްފައިވާ ސްޓޭޑިއަމްތަކުގައި މެޗުތައް ކުރިއަށް ގެންދިޔުމަށް އެއްބަސްކަމަށްވެސް ކްލަބުތަކުން ވަނީ އެއްބަސްވެފައެވެ.
ކޮރޯނާއާ ގުޅިގެން ބުންޑަސްލީގާ މެދުކަނޑާލަން ނިންމާފައިވަނީ މިދިޔަ ހަފްތާ ބަންދުގެ ނިޔަލަށެވެ. އެހެންނަމަވެސް ވައިރަސްގެ މައްސަލަ ސީރިއަސްވުމާ ގުޅިގެން ސަސްޕެންޝަން އިތުރު ކުރުމަށް އެންމެ ފަހުން ނިންމީއެވެ.
އެކަމާ ގުޅިގެން ބުންޑަސްލީގާގެ ސީއީއޯ ކްރިސްޓިއަން ސައިފާޓް ވިދާޅުވީ ސަސްޕެންޝަނުގެ މުއްދަތު އަންނަ މަހުގެ ދެވަނަ ދުވަހަށް އިތުރު ކުރި ނަމަވެސް އޭގެ މާނައަކީ އެ ތާރީހުން މެޗުތައް ފެށުން ނޫން ކަމަށެވެ.
"އަދި ވަކި އެއްޗެއް ބުނަން ވަރަށް އުނދަގޫ. އެހެންނަމަވެސް ހާލަތަށް ރިއާޔަތްކޮށް އަންނަ މަހުގެ ދެވަނަ ދުވަހު ބައްދަލުކޮށް އަނެއްކާ ގޮތެއް ނިންމާނީ،" އޭނާ ވިދާޅުވިއެވެ.
ބުންޑެސްލީގާގެ މެޗުތައް ބަންދު ސްޓޭޑިއަމްތަކުގައި ކުރިއަށް ގެންދަން ނިންމައިފިނަމަ އެ މެޗުތައް ބްރޯޑްކާސްޓުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ބްރޯޑްކާސްޓިން މެދުވެރިކޮށް ލިބޭ އާމްދަނީއަކީ ގާތްގަނޑަކަށް 56،000 މުވައްޒަފުން އެއަށް ބަރޯސާވެގެން ތިބޭނެ އެއްޗެއް ކަމަށް ސައިފާޓް ފާހަގަކުރެއްވިއެވެ.