ދިއްލީ (މާޗް 17): ކޮރޯނާވައިރަސް ފެތުރިދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިއާއިން ތާޖް މަހަލް ބަންދުކޮށްފި އެވެ.

އިންޑިއާގެ ކަލްޗާ މިނިސްޓްރީން ބުނި ގޮތުގައި އެގައުމުގެ "ލޯބީގެ ބިނާ" ބަންދު ކުރަން ޖެހުނީ އެއީ ކޮންމެ ދުވަހަކުވެސް އެތައް ހާސް މީހުން ޒިޔާރަތް ކުރާ ތަނަކަށްވާތީ އެވެ. އަދި އެގައުމުން ނިންމާފައި ވަނީ މިމަހުގެ 31އާ ޖެހެންދެން ތާޖް މަހަލް ބަންދުކޮށްފައި ބެހެއްޓުމަށެވެ.

އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި، ވަޒީފާތާކާއި އެކި ޕްރޮޖެކްޓްތަކަށާއި ޑިޕްލޮމެޓިކް މިޝަންތަކަށް ދޭ ވިސާތައް ފިޔަވާ އެހެން ވިސާތައް ދިނުން ހުއްޓާލުން ހިމެނެ އެވެ. އަދި ގިނަ ސްޓޭޓުތަކުގައި ސްކޫލުތަކާއި ކޮލެޖުތަކާއި ސިނަމާތައްވެސް ވަނީ ބަންދުކޮށްފަ އެވެ.

އިންޑިއާގައި މިހާތަނަށް 129 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން ދެ މީހަކު ވަނީ މަރުވެފަ އެވެ. އަދި އެގައުމުގައި ކޮރޯނާވައިރަހަށް ޓެސްޓު ކުރާ މިންވަރު އިތުރު ކުރުމުގެ ގޮތުން އެގައުމުން ވަނީ ސަރުކާރުގެ ލެބްތަކުގެ އިތުރުން، ޕްރައިވެޓް ލެބްތަކުންވެސް އެ ޓެސްޓު ހެދުމަށް ހުއްދަ ދީފަ އެވެ.

އެ ވައިރަހާ ބެހޭ މާހިރުން ވަނީ އިންޑިއާގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުގައި ދުވާލަކު އެތައް ހާސް މީހުން ޓެސްޓު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އިންޑިއާއިން އަދި އެކަށީގެންވާ ވަރަށް ޓެސްޓު ކުރަމުން ނުދާ ކަމަށް ބައެއް މާހިރުން ވަނީ ފާހަގަކޮށްފަ އެވެ.

މުޅި ދުނިޔޭގައި މިހާތަނަށް 182،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 7,154 މީހަކު ވަނީ މަރުވެފަ އެވެ.