12 Dec 2011, 17:21
އަންނަ އަހަރަށް ލަފާ ކުރާ 14 ބިލިއަން ރުފިޔާގެ ބަޖެޓްގައި ހިމެނޭ ޕްރޮގްރާމްތަކުގެ ތެރެއިން ކުނި ނައްތާލުގެ ހިދުމަތް ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕަށް ހުޅުވާލުމުގެ ސިޔާސަތަކާއި ރެގިއުލޭޓް ކުރާނެ އޮނިގަނޑެއް ތައްޔާރު ކުރުމަށް 78 މިލިއަން ރުފިޔާއާ ބެހޭ ގޮތުން މެންބަރުން ކުރެއްވި އެއް ސުވާލަކަށް ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ޖަވާބުން މެންބަރުންނަށް އޮޅުއްއަރައިފި އެވެ.
ތިމާވެށި ރައްކާތެރި ކުރުމަށް ބަޖެޓްގައި ހިމަނާފައިވާ ފައިސާގެ ތެރެއިން ކުނި ނައްތާލުގެ ހިދުމަތް ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕަށް ހުޅުވާލުމުގެ ސިޔާސަތަކާއި ރެގިއުލޭޓް ކުރާނެ އޮނިގަނޑެއް ތައްޔާރު ކުރުމަށް 78،222،460ރ. ހަރަދުވާނެ ކަމަށް ބަޖެޓްގައި ޖަހާފައިވެ އެވެ. އެކަމާ ބެހޭ ގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ "ކުނިނައްތާލާނެ އޮނިގަނޑެއް ތައްޔާރު ކުރުމަކަށް 78 މިލިއަން ރިފިޔާއެއް ނުދާނެ" ކަމަށާއި "އެއީ އޮޅުމަކުން ބަޖެޓްގައި ޖެހިފައިވާ އަދަދެއް" ކަމަށް އަސްލަމް ވިދާޅުވި އެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބަޖެޓް ކޮމެޓީގައި އިނާޒު ވިދާޅުވީ 78 މިލިއަން ރުފިޔާއަކީ ކުނިނައްތާލުމަށް ދޭ "ޓިޕިން ފީއެއް" ކަމަށެވެ.
ވިސާމް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކުނިނައްތާލުގެ މަސައްކަތް ކުރަންޖެހެނީ ކައުންސިލްތަކުން ކަމަށާއި އެ މަސައްކަތް ހައުސިން މިނިސްޓްރީ ކުރަމުންދަނީ ކީއްވެގެންތޯ ސުވާލު ދެންނެވި އެވެ. އަސްލަމް ވިދާޅުވީ އެ މަސައްކަތް ކުރުމުގައި ހައުސިންއިން އެހީތެރިވެދޭނެ ކަމަށެވެ.
އިނާޒާއި އަސްލަމް ދެއްވި ޖަވާބު ތަފާތު ވުމުން ރޭގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވަނީ އެކަން ފާހަގަ ކުރައްވައިފަ އެވެ. އަދި އެ މައްސަލަ އިދާރީ މުވައްޒަފުންނަށް އަންގަވައިފަ އެވެ.
ބައެއް މެންބަރުން ވިދާޅުވީ އެ މައްސަލަ އިތުރަށް ބެލުމަށް ފަހު ބަޖެޓުން އެ ފައިސާ އުނިކުރާނެ ކަމަށެވެ.
"ގެދޮރާ ބެހޭ ވަޒީރު އެ ވިދާޅު ވަނީ އެހާވަރުގެ އަދަދެއް ޖެހިފައި ވަނީ އޮޅުމަކުން ކަމަށް. އެކަމަކު ފިނޭންސް މިނިސްޓަރު ވިދާޅުވަނީ 'ޓިޕިން ފީއެއް' ކަމަށް. އެހެންވީމާ އެކަން އިތުރަށް ބަލާފައި އެ ފައިސާ އުނިކުރާނަން،" ބަޖެޓް ކޮމެޓީގައި ހިމެނޭ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ތިމާވެށީގެ އެކި ޕްރޮގްރާމްތަކާ 152،352،764ރ. ރިކަރަންޓްގެ ގޮތުގައި ހަރުދުވާނެ ކަމަށް ޖަހާފައިވެ އެވެ. އަދި އެޕިޓަލް ހަރަދުގެ ގޮތުގައި 111،689،933ރ. ތިމާވެއްޓަށް ޖަހާފައިވެ އެވެ.