24 Jun 2010, 06:02
10:00
ޖާމަނީގެ އެހީއާ އެކު ގާނާ ވެސް ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.
އެފްރިކާގެ އުންމީދުތަކާ ގުޅިފައިވާ ގާނާ ރޭގެ މެޗަށް ނުކުތްއިރު މެޗު އެއްވަރުވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތް ނަމަވެސް ޖާމަނީ އަތުން 1-0 ން ގާނާ ބަލިވި މި މެޗުގައި ގާނާގެ މާ މޮޅު ކުޅުމެއް ފެނިގެން ނުދިޔަކަން ފާހަގަކުރެވެއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ގާނާއަށް ދެވަނަ ބުރަށް ދެވުނީ އެމީހުންގެ ނަސީބުންނެވެ. ޖާމަނީގެ ޑިފެންސްލައިނަށް ގާނާގެ ފޯވަޑުން ދޭތެރެ ދޭތެރެއިން ބާރު ބޮޑުކުރަމުންދިޔަ ނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށްވެގެން ދިޔައީ ޖާމަނީގެ ކެޕްޓަން އަދި ދިފާއީ ކުޅުންތެރިޔާ ޕިލިޕް ލާމް އެވެ.
މި މެޗުގައި ލިބިގެންދިޔަ އެންމެ ހުސް ފުރުސަތު ޖާމަނީގެ މިޑްފީލްޑް ކުޅުންތެރިޔާ އޮޒޭލްއަށް ލިބި އެ ފުރުސަތު ނަގާލި ނަމަވެސް ދެވަނަ ހާފްގައި މެޗުގެ ހަމައެކަނި ގޯލް ޖަހައިދީ އޭނާ ވަނީ ޖާމަނީއަށް ހިނިތުންވުން ގެނެސްދީފަ އެވެ.
މި ގްރޫޕްގައި ރޭ އޮސްޓްރޭލިޔާ އާއި ސާބިޔާ ބައްދަލުކުރި މެޗު ގިނަ ބަޔަކު ހީކުރި ގޮތާ ޚިލާފަށް ދޭއް އެކަކުން އޮސްޓްރޭލިޔާ މޮޅުވި ނަމަވެސް އެންމެ ފަހު ވަގުތު ސާބިޔާއިން ގޯލެއް ޖެހުމުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮސްޓްރޭލިޔާ އަށް ވަނީ ބަންދުވެފަ އެވެ. ރޭގެ މެޗުގައި އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ އޮސްޓްރޭލިޔާގެ ޓިމް ކާހިލް އެޓީމުގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން އަތުގައި ޖެހުނު ބޯޅަ ރެފްރީ ޕްލޭ އޮން އަށް ދޫކޮށްލުމުން ސާބިޔާގެ ކުޅުންތެރިން މެޗު ތެރޭގަ އާއި އަދި މެޗަށް ފަހު ވެސް އެކަމަށް އެޕީލް ކުރަމުން ދިޔަކަމެވެ. ނަމަވެސް ރެފްރީގެ ނިންމުމަކީ ފަހުގެ ނިންމުން ކަމަށް ވާތީ މި ނަތީޖާއަށް އިތުރު ބަދަލެއް އައިސްފައިއެއްނުވެ އެވެ. މެޗަށް ފަހު ސާބިޔާގެ ކުޅުންތެރިންނާއި ކޯޗް ވެސް ބުނެފައި ވަނީ އެމީހުން ދެ ވަނަ ބުރަށް ނުދިއުމުގެ ޒިންމާ ނަގަން ޖެހޭނީ މެޗުގެ ރެފްރީ ކަމަށެވެ.
އިއްޔެ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަވެގެންދިޔަ މެޗަކަށްވީ ރޭ އެމެރިކާ އާއި އަލްޖީރިޔާ ބައްދަލުކުރި މެޗެވެ. މެޗަށް ނިކުތްއިރު ވެސް މޮޅުވުން ނޫން ގޮތެއް ނެތް އެމެރިކާ، މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ބަލާފަ އެވެ.
އެއް ވަގުތެއްގައި ސްލޮވޭނިޔާ އާއި އިންގްލެންޑް ބައްދަލުކުރަމުން ދިޔައިރު އެމެރިކާ ވެސް ވަނީ ހައިރާން ކުރުވަނިވި ނަތީޖާއަކާ އެކު ގަދަ ސޯޅައިން ޖާގަ ހޯދައިފަ އެވެ. މި ގްރޫޕްގައި އިންގްލެންޑް ވެސް އަދި އެމެރިކާ ވެސް މޮޅުވެފައި ވަނީ އެކެއް ސުމަކުންނެވެ.
މި މެޗުގައި ފާހަގަވެގެން ދިޔައީ އިންގްލެންޑް މެޗް ނިމުމާއެކު ސްލޮވޭނިޔާގެ ކުޅުންތެރިން އުފާ ފާޅުކުރަމުން ދަނިކޮށް އެ ވަގުތު ކުޅެމުންދިޔަ އަނެއް މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި އެމެރިކާގެ ލަންޑަން ޑޮނަވަން އަލްޖީރިޔާ ގޯލަށް ފޮނުވާލި ބޯޅައާއެކު ސްލޮވޭނިޔާގެ ކުޅުންތެރިންގެ އުއްމީދުތައް ފެނަށްދިޔަ ކަމެވެ. ނަމަވެސް ދަނޑަށް ވަދެ ތިބި އެމެރިކާގެ ސަޕޯޓަރުންގެ ދިޔައީ ދެވަނަ ބުރަށް ދެވުމުން އުފާ ފާޅުކުރަމުންނެވެ.
ގަދަ ސޯޅައަށް ދަތުރުކޮށްފައިވާ ޓީމުތަކުގެ ތެރެއިން އިންގްލެންޑް ނިކުންނާނީ ތިން ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ޖާމަނީއާ ދެކޮޅަށެވެ. ގާނާ ނިކުންނާނީ މިދިޔަ އަހަރުގެ ކޮންފަޑަރޭޝަން ކަޕްގެ ރަނަރަޕް ޓީމު ކަމުގައިވާ އެމެރިކާއާ ދެކޮޅަށެވެ.
ހޮނިހިރު ދުވަހު އުރުގުއާއި ނިކުންނާނީ ސައުތު ކޮރެޔާއާ ދެކޮޅަށެވެ. މި މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކީ ގަދަ ސޯލައިން ޖާގަ ހޯދާފައިވާ އާޖެންޓީނާ ނިކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕްގައި ވެސް މި ދެޓީމު ވަނީ ގަދަ ސޯޅައިގައި ބައްދަލުކޮށްފަ އެވެ. އެމެޗު ކާމިޔާބުކޮށްފައި ވަނީ އާޖެންޓީނާ އެވެ.