22 Mar 2020, 11:35
ފުލުހުންގެ ހިދުމަތް ލާމަރުކަޒީކޮށް، މާލެ ފިޔަވައި އިތުރު ހަތް ސަރައްހައްދަކަށް ފުލުހުން ބަހާލައި، ރީޖަނަލް ކޮމިޝަރަނަރުންގެ މަގާމު ތައާރުފުކުރަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ.
އެ ބިލަކީ، މިހާރު އަމަލުކުރަމުން އަންނަ ފުލުހުންގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ބިލެކެވެ. އެ ބިލަށް ބަހުސް ކުރައްވަމުން، ބިލު ހުށަހެޅުއްވި މެމްބަރު ހަސަން ލަތީފް ވަނީ ފުލުހުންގެ ހިދުމަތް ލާމަރުކަޒު ކުރުމަށް އިތުރު އިސްލާހުތަކެއް ހުށަހަޅުއްވައިފަ އެވެ.
އެގޮތުން މާލޭގެ އިތުރުން ހަތް ސަރަހައްދަކަށް ފުލުހުންގެ ހިދުމަތް ބެހިގެންދާ ގޮތަށް ބިލުގައި ހިމަނަށް ވަނީ ހުށަހަޅުއްވައިފަ އެވެ. އެ ހަތް ސަރަހައްދަކީ:
ތިލަދުންމަތީ އުތުރުބުރިއާއި ތިލަދުންމަތީ ދެކުނުބުރި - އަޕާ ނޯތު ރީޖަން
- މިލަދުންމަޑުލު އުތުބުރިއާއި މިލަދުންމަޑުލު ދެކުނުބުރިއާއި މާޅޮސްމަޑުލު އުތުރުބުރިއާއި މާޅޮސްމަޑުލު ދެކުނުބުރިއާއި އަދި ފާދިއްޕޮޅު - ނޯތު ރީޖަން
- މާލެ އަތޮޅާއި އަރިއަތޮޅު އުތުރުބުރި އާއި އަރިއަތޮޅު ދެކުނުބުރި އާއި ފެލިދެ އަތޮޅު - ނޯތު ސެންޓްރަލް ރީޖަން
- މުލަކު އަތޮޅާއި ނިލަންދެ އަތޮޅު އުތުރުބުރި އާއި ނިލަންދެ އަތޮޅު ދެކުނުބުރި - ސެންޓްރަލް ރީޖަން
- ކޮޅުމަޑުލާއި ހައްދުންމަތި - ސައުތު ސެންޓްރަލް ރީޖަން
- ހުވަދޫ އަތޮޅު އުތުރުބުރި އާއި ދެކުނުބުރި - އަޕާ ސައުތު ރީޖަން
- ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީ - ސައުތު ރީޖަން
އޭގެ އިތުރުން ކޮންމެ ސަރަހައްދަކަށް ރީޖަނަލް ކޮމިޝަނަރުން މަގާމު ތައާރަފުކުރުމަށް ވެސް މެމްބަރު ވަނީ ހުށަހަޅުއްވައިފަ އެވެ.
"ފުލުހުންގެ ހިދުމަތް ބަހާލެވޭ ހަތް ސަރަހައްދުގައި ކޮންމެ ސަރަހައްދެއްގައި، އަދި މާލޭގައި ރީޖަނަލް ކޮމިޝަނަރެއް ހުރުން އެއީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ފާހަގަކުރަން،" މެމްބަރު ވިދާޅުވި އެވެ.
މެމްބަރި ވިދާޅުވީ ރީޖަނަލް ކޮމިޝަނަރުން ޖަވާބިދާރީވާން ޖެހޭނީ ސީދާ ކޮމިޝަނާ އޮފް ޕޮލިސް އަށް ކަމަށެވެ. އަދި މިހާރު އަތޮޅު ޕޮލިސްތަކުގައި ތިއްބަވާ އެންމެ އިސްވެރިން ރިޕޯޓުކުރަން ޖެހެނީ ކޮމިޝަނަރަށް ނޫން ކަމަށާއި، އެހެންވުމުގެ ސަބަބުން ސީޕީ އަށް ލިބިފައިވާ ބާރުތައް ހަނިވާ ކަމަށެވެ.
މެމްބަރު ވިދާޅުވީ ރީޖަނަލް ކޮމިޝަނަރުންގެ މަގާަމު ތައާރަފުވެގެން އަންނަ އިރު އެ މަގާމަށް މީހުން އައްޔަންކޮށް ވަކިކުރާނެ އުސޫލުތައް ވެސް ބަޔާންކުރާނެ ކަމަށެވެ.
ހަމައެއާއެކު ހަތް ސަރަހައްދަކަށް ފުލުހުންގެ ހިދުމަތް ބަހާލައި، އެ ސަރަހައްދުތަކުގައި ފުލުހުންގެ ހުރިހާ ހިދުމަތެއް ދިނުމަށް ބިލުން ބާރުއެޅުމުގެ މުހިންމުކަން ވެސް މެމްބަރު ފާހަގަކުރެއްވި އެވެ.
"މި ދަންނަވާ ވާހަކައަކީ ، އެ ރީޖަނެއްގައި ހިނގާ ކުށެއްގެ އަމަލުތައް، އެކަންކަން ތަހުގީގުކުރެވި، އެކަންކަން ބެލި، އަދި ޝަރީއަތް ވެސް ކުރެވި، އަދި އެތަންތަނުގައި އެ މީހުންނާ މެދު އަމަލުކުރެވި، ނިމިގެންދާންވާނީ އެ ރީޖަނެއްގައިކަން ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއް،" މެމްބަރު ވިދާޅުވި އެވެ.
ހަގީގީ މާނައިގައި ފުލުހުންގެ ހިދުމަތް ލާމަރުކަޒު ކުރެވިގެންދާނީ އޭރުން ކަމަށް މެންބަރު ވިދާޅުވި އެވެ.