17 Mar 2020, 09:12
މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް، ކޮވިޑް-19 ނައްތާލުމަށް ހާއްސަ ވެކްސީން އެއް ތައްޔާރުކޮށް، އިންސާނުންނަށް އޭގެ ޓެސްޓުތައް ކުރަން ފަށައިފި އެވެ.
އެމެރިކާގެ ޑިޕާޓްމެންޓް އޮފް ހެލްތުގެ އޭޖެންސީއެއް ކަމަށް ނޭޝަނަލް ހެލްތު އިންސްޓިޓިއުޓް (އެންއައިއެޗް) އިން އިއްޔެ ކްލިނިކަލް ޓްރައިއަލްތައް ފަށާފައިވަނީ ސިއްހަތު ރަނގަޅު 45 ވޮލެންޓިއަރުންނާއެކުގަ އެވެ. އެންއައިއެޗް އިން ބުނެފައިވަނީ އެ ޓްރައިއަލްތައް ފަށާފައިވާ ހުރިހާ އެންމެނަކީވެސް އަމިއްލަ ބޭނުންވެގެން އެ ޓެސްޓުތަކުގައި ބައިވެރި މީހުން ކަމަށާއި އެމީހުންގެ ތެރޭގައި އުމުރުން 18 އަހަރުން ފެށިގެން 55 އަހަރާ ދެމެދުގެ މީހުން ތިބޭނެ ކަމަށެވެ.
އިއްޔެ އެ ޓްރައިއަލްތައް ފެށިއިރު ކުރިއަށް އޮތް ހަ ހަފްތާގެ ނިިޔަލަށް އެ ޓެސްޓުތައް ކުރިއަށްދާނެ ކަމަށް އިންސްޓިޓިއުޓުން ބުނެ އެވެ.
އެންއައިއެޗް އިން ބުނެފައިވަނީ އެ ޓެސްޓުތައް މެދުވެރިކޮށް ބަލި މީހާއަށް ދޭން ޖެހޭ ޑޯޒުގެ އަދަދާއި އިންސާނާގެ އިމުން ސިސްޓަމް ޑޯޒްތަކަށް ރިއެކްޓްކުރާ ގޮތް ދެނެގަންނާނެ ކަމަށެވެ. އެ މަސައްކަތަކީ ވެކްސީންގެ ޓްރައިއަލް ޓެސްޓުތަކުގެ ފުރަތަމަ މަރުހަލާ ކަމަށާއި އަދި ކުރިއަށް އޮޮތްތަނުގައި ގިނަ މަރުހަލާތަކެއް އޮންނާނެ ކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެ އެވެ.
އެ ވެކްސީން އަށް ކިޔަނީ "އެމްއާރުއެންއޭ-1273" އެވެ. އެ ވެކްސީން އުފައްދާފައިވަނީ ހެލްތު އިންސްޓިޓިއުޓްގެ ބައެއް ކަމަށްވާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒް (ނައިއެއިޑް) އަދި މެސަޗޫސެޓްސްގެ ބަޔޯޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ މޮޑާނާ ގުޅިގެންނެވެ.
"ކޮވިޑް-19 ހުއްޓުވުމަށްޓަކައި ރައްކާޓެރި ވެކްސީން އެއް އުފެއްދުމަކީ ޕަބްލިކް ހެލްތުގެ ވަރަށް މުހިއްމު މަސައްކަތެއް. ރިކޯޑް ސްޕީޑާއެކުގައި އަޅުގަނޑުމެން މި ވަނީ މަސައްތަކުގެ ފުރަތަމަ ފޭސް ފަށާފައި،" ނައިއެއިޑްގެ ޑައިރެކްޓަރު އެންތަނީ އެސް. ފޯސީ ވިދާޅުވިއެވެ.
ވައިރަސް އާ ގުޅިގެން މިހާތަނަށް އަދި އެޕްރޫވްކޮށްފައިވާ ވެކްސީނެއް ތައްޔާރުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެމްއާރުއެންއޭ-1273 އާއެކު ބޭނުންކުރެވޭނެ ވެކްސީން އެއް އުފެއްދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެންއައިއެޗް އިން ބުނެ އެވެ.