އަންނަތާރާ ކިހާވަށް ރިސޯޓުން ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި މީހެއް ފެނިގެން އެ ރިސޯޓު މޮނީޓަރިން ހާލަތަށް ގެނެސްފި އެވެ.

މޮނީޓަރިން ހާލަތުގައި އެ ރިސޯޓަށް މީހުން އަރައި ފޭބުން ވަގުތީގޮތުން މަނާ ވާނެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ކުރި ޓްވީޓެއްގައި ބުނީ، އެ ރިސޯޓުން ބިދޭސީއަކު ވައިރަހަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އޭނާ މިހާރު ވަނީ އެކަހެރިކުރެވިފައި. އަދި ރިސޯޓު މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައި،" އެޗްޕީއޭގެ ޓްވީޓްގައި ބުނެފައިވެ އެވެ.

އަންނަތާރާ ކިހާވާށް ރިސޯޓުގެ އިތުރުން މިހާރު މޮނީޓަރުންގެ ހާލަތުގައި އޮތީ އއ. މަތިވެރި އާއި އިތުރު ތިން ރިސޯޓެވެ. އެއީ ގިލިލަންކަންފުށި ރިސޯޓާއި އާވީ ދޫރެސް އަދި ލަޑާގިރާވަރު ރިސޯޓެވެ. އޭގެ އިތުރުން ކުރެއްދޫ ރިސޯޓު އަދިވެސް އޮތީ އޮރެންޖް އެލާޓްފައެވެ. އެ އެލާޓްގައި ވެސް ރިސޯޓަށް މީހުން އެރުން ވަގުތީ ގޮތުން މަނާވާނެ އެވެ.

ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީގައި މިވަގުތު ތިބީ 14 މީހުންނެވެ. އަދި ވިލިވަރު ކަރަންޓީނު ފެސިލިޓީގައި 11 މީހުން އެބަ ތިއްބެވެ.

ރާއްޖޭގެ ހަތަރު ރިސޯޓަކާއި ސަފާރީއަކުން 13 ބިދޭސީއަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ސަރުކާރުން ރޭ ވަނީ ހާމަކޮށްފަ އެވެ.