ކޮރޯނާ ވައިރަސްގެ ސަބަބުން ދިވެހި އިގުތިސާދަށް ނޭދެވޭ އަސަަރުކޮށް އެކަމުގެ އަސަރު އާންމުންގެ އާންމުދަނީއަށް ކޮށްފާނެތީ މާލޭގެ ބައެއް ގެތަކުގެ ވެރިން ކުލި ކުޑަކޮށްދޭން ފަށައިފި އެވެ.

މާލޭގައި ގެދޮރު ކުއްޔަށް ދޭ މީހުންގެ ތެރެއިން ކުލި ކުޑަކުރި އެކަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ސައީދެވެ. އޭނާ ވަނީ ކުއްޔަށް ދޫކޮށްފައި ހުންނަ ދެ އެޕާޓްމަންޓުގެ ކުލި ކުޑަކޮށްދީފައެވެ.

ސައީދު ވިދާޅުވީ އެ ނިންމުން ނިންމީ، އެ ދެ އެޕާޓްމެންޓުގައި އުޅޭ މީހުންގެ އެދުމުގެ މަތިން ކަމަށެވެ. އޭގެ ތެރެއިން އެއް އާއިލާ އޭނާގެ ގޭގައި އުޅޭތާ 10 އަހަރުވެފައިވާ އިރު އަނެއް އާއިލާ އެ ގޭގައި އުޅޭތާ ވީ އަށް އަހަރެވެ.

ސައީދު ވިދާޅުވީ، ކުލި ކުޑަކުރަން ނިންމީ ކޮރޯނާވައިރަހާ ގުޅިގެން ބައެއް މީހުންގެ މުސާއަރަށް އަސަރުކުރާނެކަން އެނގޭތީއާއި ކުރިއަށް އޮތް ރޯދަމަހުގައިވެސް އިތުރަށް ދަތިވެދާނެތީ ކަމަށެވެ.

"އަޅުގަނޑު ނިންމީ ކުލިން 25 ޕަސެންޓު ކަނޑާލަން. އަޅުގަނޑު ދެންނެވިން ކުރިއަށް އޮތްތަނުގައި އިތުރަށް ގޯސްވެގެންދާ ހާލަތެއް އައިސްފިއްޔާމުން އިތުރަށް އަދި ކުއްޔަށް ބަދަލުތަކެއް ގެނެސްދޭނަމޭ،" ސައީދު ވިދާޅުވިއެވެ.

ސައީދު އޭނާގެ ދެ އެޕާޓްމެންޓުގެ ކުލި ކުޑަކުރީ 14،000 ރުފިޔާއިން 10،500 ރުފިޔާއަށެވެ.

އޭނާގެ އިތުރުން މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓާ (އެމްއެމްއޭސީ)ގެ ޗެއާމަން އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ އަބްދުލްކަރީމް (ރުކުމާ އަލީ)ވެސް ވަނީ އޭނާ ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުގެ ކުލި ކުޑަކޮށްފައެވެ.

އެކަން ހާމަ ކުރައްވައި ކުރެއްވި ޓްވީޓެއްގައި ރުކުމާ އަލީ ވިދާޅުވީ އޭނާއަކީވެސް ކުއްޔަށް އުޅޭ މީހެއް ކަމަށެވެ. އަދި ދެން ތިބި މާލޭގެ ބިންވެރިންވެސް އިންސާނިއްޔަތުކަން އިސްކުރައްވައި ކުލި ކުޑަކޮށްދެއްވާނީ ކޮން އިރަކުންތޯ އޭނާ ސުވާލު ކުރެއްވިއެވެ.