މިހާރުގެ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށިއިރު ވެސް އަމަލުކުރަމުން އައި ބައެއް ގަވާއިދުތަކާ ގުޅޭ ގާނޫނުތައް އަދިވެސް ހަދާފައި ނުވާތީ، އެ ގަވާއިދުތަކަށް ގާނޫނީ ބެލެނިވެރިކަން ދިނުމަށް އެކުލަވާލާފައިވާ، އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ މުއްދަތު އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން އަނެއްކާވެސް މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަވާއިދު ކޮމިޓީން ހުށަހެޅި ރިޕޯޓްގައި ބުނެފައި ވަނީ އާންމު ގަވާއިދުތަކުގެ ގާނޫނުގެ މުއްދަތު ހަ މަސް ދުވަހަށް އިތުރު ކުރުމަށް ހުށަހެޅީ އެ ގާނޫނުގެ މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހަށް ހަމާވާތީ ކަމަށެވެ.

އެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން ގަވާއިދު ކޮމިޓީގެ މުގައްރިރު ނައިފަރު ދާއިރާގެ މެންބަރު އަހްމަދު މުހައްމަދު ވިދާޅުވީ، އާއްމު ގަވާއިދުތަކާބެހޭ ގާނޫނުގެ މުއްދަތު ހަމަވަމުންދާތީ އެއް އަހަރު ދުވަހަށް އެ މުއްދަތު އިތުރު ކުރުމަށް މީގެ ކުރިން އެ ކޮމިޓީން ހުށަހެޅި ނަމަވެސް އަހަރު ދުވަހުގެ ބަދަލުގައި އެ ފަހަރު ވެސް މަޖިލީހުން ފާސްކޮށްފައި ވަނީ ހަ މަސް ދުވަސް ކަމަށެވެ. އަދި "އެ ހަ މަސް ދުވަހުގެ މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހަށް ހަމަވާއިރު ވެސް ކަމާބެހޭ ގާނޫނުގެ ބިލުތައް މަޖިލީހުގެ ތަޅުމަށް އައިސްފައި ނުވާތީ ކޮމިޓީގެ ހުރިހާ މެންބަރުން އިއްތިފާގުވެގެން ފަހެއް ފެބްރުއަރީ 2012އިން ފެށިގެން އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ މުއްދަތު ހަ މަސްދުވަހުގެ މުއްދަތަށް އިތުރު ކުރުމަށް ހުށަހެޅީ" ކަމަށެވެ.
އަދި ކަމާބެހޭ ބިލުތަކުގެ މަސައްކަތް ކޮމިޓީތަކުން ކުރަމުން ގެއްދޭތޯ ގަވާއިދު ކޮމިޓީން ބަލަމުން ގެންދާ ކަމަށާއި އެކަންކަން އަވަހަށް ނިންމުމަށް ދެންނެވިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅާވި އެވެ.

ގަވާއިދު ކޮމިޓީގެ އެ ރިޕޯޓަށް ތާއީދު ކުރައްވައި ކޮމިޓީން ހުށަހެޅި ގޮތަށް ރިޕޯޓް ފާސް ކުރެއްވުމަށް މަތިވެރި ދާއިރާގެ މެންބަރު ހުސެއިން މުހައްމަދާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު ހުށަހެޅުއްވި އެވެ. ޝިފާގު މުފީދު ވިދާޅުވީ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ބައެއް ބިލުތައް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ.