ކޮވިޑް-19އާ ގުޅިގެން ގޭގައި އެކަހެރިވެ ނުވަތަ ކަރަންޓީނުވެގެން ތިބެން ކަމާ ބެހޭ ފަރާތްތަކުން އަންގާ މީހުން އެ އެންގުމަށް ބޯލަނބައި އެގޮތަށް އަމަލު ކުރުމަށް ޑރ. އިބްރާހިމް އަފްޒަލް އިލްތިމާސްކޮސްފި އެވެ.

ކޮވިޑް-19އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ގޭގައި ކަރަންޓީނުވެގެން ތިބެން އަންގާފައި ތިބޭ މީހުން އަމިއްލައަށް އަލާމާތެއް ނުފެންނާތީ ކަމަށް ބުނެ ބޭރު ތެރެއަށް ނުކުމެ އުޅޭ ކަމުގެ މައުލޫމަތުތައް ލިބޭ ކަމަށެވެ. އެއިން ކޮންމެ މީހެއް ކައިރީގައި ސިފައިންގެ މީހުން ނުވަތަ ފުލުހުން ނުބެހެއްޓޭނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ބައެއް ދިމަ ދިމާލުން އެބަ ލިބޭ ހަބަރުތައް ކަރަންޓީނުކޮށްފައި ތިބޭ ބައެއް މީހުންވެސް އެބަ އުޅެޔޭ ނުކުމެގެން މަގުމަތީގައި. އެެއިން ކޮންމެ މީހެއްގެ ފަހަތުން އަޅުގަނޑުމެންނަށް ސިފައިންގެ މީހަކުވެސް ނުލެވޭނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެހެންކަމުން، ކޮންމެ މީހަކުވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި ކަރަންޓީނު ކުރެވިފައިވާ މުއްދަތުގެ ތެރޭގައި ގޭތެރޭގައި ނުވަތަ ކޮޓަރީގައި މަޑުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިސޯޓުތަކުންވެސް ދަތުރު ކުރުން ހުއްޓާލަން އަންގާފައި ވަނިކޮށް، އޮޅުވާލައިގެން ނަމަވެސް ދަތުރު ނުުކުރަންވެސް ޑރ. އަފްޒަލް އެދިވަޑައިގަތެވެ. ޑރ. އަފްޒަލް ވިދާޅުވީ، މި ދަނޑިވަޅުގައި ބުނީމާ ބުނާ ތަނެއްގައި ބޯލަނބައިގެން މަޑުކޮށްލައިގެން ތިބުމަކީ ގައުމު އެދޭ ކަމެއް ކަމަށެވެ.

"މިފަަދަ ފުރުސަތެއްގައި ބޭނުންވަނީ އެންމެންވެސް ތިމާގެ އަމިއްލަ ޒިންމާއެއް ކަމަށް ދެކި އެ މީހަކު އެތަނެއްގައި ހުންނަން ބުނީމައި އެތަނެއްގައި ހަމަ ރީއްޗަށް އަމުރަށް ކިޔަމަންވެ ބޯލަނބައިގެން އެ ތަނެއްގައި ތިބުން. އެއީއޭ ހަގީގަތުގައި ގައުމު އެ މީހެއްގެ ކިބައިން ބޭނުންވާ ކަމަކީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ބޭރަށް ނުކުމެ އުޅުން މަދު ކުރަން ޖެހޭ

ޑރ. އަފްޒަލް މިރޭ އިތުރަށް ވިދާޅުވީ، ރާއްޖެ މިހާރު އޮތް ހާލަތަށް ބަލާއިރު ކޮންމެ މީހަކުވެސް ބޭރުތެރޭގައި އުޅޭ މިންވަރު އަމިއްލައަށް މަދު ކުރަން ޖެހޭ ކަމަށެވެ.

"ހެޔޮ ހާލުގައި ހުރި މީހަކަށްވިޔަސް، އޭނާ ބޭރުގައި އުޅޭހާ ހިނދެއްގައި ގިނައިން މީހުން އުޅޭ ތަންތަނަށް ނުވަތަ ގިނައިން މީހުން އެއްވާ ހިސާބުތަކަށް ދިޔުމުން އޭނައަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ އެހެން މީހުންގެ ކިބައިން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވީ، ހުމުގެ އަލާމާތެއް ނުވަތަ ރޯގާގެ އަލާމާތެއް ފެންނަންޏާ އެންމެ ރަނގަޅު ގޮތަކީ މާސްކު އަޅައިގެން ގޭގައި މަޑުކުރުން ކަމަށެވެ. އަދި އެހެން މީހުންނާ ހަ ފޫޓުގެ ދުރުމިނެއް ބެހެއްޓުން ކަމަށެވެ.

"ކިރިޔާވެސް ހުމުގެ އަލާމާތެއް ފެންނަންޏާ ނުވަތަ ރޯގާގެ އަލާމާތެއް ފެންނަންޏާ މާސްކު އަޅައިގެން ގޭގައި މަޑުކޮށްލަންވީ. އެހެންމީހުންނާ އެކަހެރިކޮށް،"

މާބަނޑު އަންހެނުން، އުމުރުން ދުވަސްވީ މީހުން އަދި ހަކުރު ބައްޔާއި ލޭމައްޗަށް ދިޔުން ފަދަ ދާއިމީ ބަލިތައް ހުންނަ މީހުންގެ ކިބައިން ބަލީގެ އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް، ފްލޫ ކްލިނިކަށް ދާން ޑޮކްޓަރު އިރުޝާދު ދެއްވި އެވެ. އަދި އަތޮޅު ތެރޭގައި ނަމަ ސިއްހީ މަރުކަޒަށް ގުޅައި އަންކަން ކުރީބައިގައި އަންގާފައި މާސްކު އަޅައިގެން ދިޔުމަށް އިރުޝާދު ދެއްވި އެވެ.

"ރިސޯޓުތަކަށްވެސް އެންމެ ފައިދާވާނީ ވީހާވެސް އަވަހަށް ރިޕޯޓު ކުރުމުން"

ބަލީގެ އަލާމާތްތައް ފެނުމުގެ 14 ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުގެ އެއްވެސް ތަނަކަށް ދަތުރުކޮށްފައިވާނަމަ އެކަން ކަމާ ބެހޭ ފަރާތްތަކަށް ވީހާވެސް އަވަހަށް އަންގަންވެސް ޑރ. އަފްޒަލް އެދިވަޑައިގަތެވެ.

ރިސޯޓުތައް ފަދަ ތަންތަނުންވެސް އެގޮތަށް އަމަލު ކުރުމަށް ޑޮކްޓަރު އިރުޝާދު ދެއްވި އެވެ. އަދި ރިސޯޓުތަކަށްވެސް އެންމެ ފައިދާ ވާނީ ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ނަމަ ވީހާވެސް އަވަހަށް އެކަމެއް ރިޕޯޓުކޮށްގެން ކަމަށް ވިދާޅުވިއެވެ.

"ވަކި އެސްޓެބްލިޝްމެންޓުތަކުގެ ލެވެލްގައިވެސް ހާއްސަކޮށް ރިސޯޓުތަކުގެ ލެވެލްގައިވެސް އަޅުގަނޑުމެންގެ އިރުޝާދަކީ އެ ބޭފުޅުންވެސް ވީހާވެސް އޯޕަންކޮށް އަޅުގަނޑުމެންނާ ކޮމިއުނިކޭޓުކޮށްގެން ޝައްކު ކުރެވޭ މީހަކު ހުރިއްޔާވެސް އަޅުގަނޑުމެންނަށް ވީހާވެސް އަވަހަކަށް އެކަން އަންގައިގެން ކުރިއަަށް ދިޔައިމަ ހަގީގަތުގައި އެކަމުގެ ފައިދާ ކުރާނެ އެބޭފުޅުންނަށްވެސް އަދި އެހެން އެންމެނަށްވެސް." ޑރ. އަފްޒަލް ވިދާޅުވި އެވެ.

"އަވަހަށް ހުއްޓުވިއްޖެއްޔާ އަވަހަށް މުޅި ރިސޯޓު ނޯމަލްއަށް ދިޔުމުގެ ފުރުސަތުވެސް އޮންނާނެ،"

މިހާރު ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ތިބީ 13 މީހުންނެވެ. އެއީ:

  • ކުރެއްދޫ ރިސޯޓް: 5 މީހުން.

  • ކުރަމަތި ރިސޯޓް: 2 މީހުން
  • ސޭންޑީސް ބަތަލާ ރިސޯޓް: 2 މީހުން.
  • އަނަންތަރާ ދިގު ރިސޯޓް: 2 މީހުން
  • އައިލެންޑް ސަފާރީ ބޯޓް: 2 މީހުން.

މިހާތަނަށް ދިވެއްސަކު އެ ވައިރަހަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.