ސްލޮވޭނިއާއިން ރާއްޖެ އައި ދިވެއްސެއްގެ ކިބައިން ކޮރޯނާވައިރަސް، ކޮވިޑް-19ގެ އަލާމާތްތައް ފެންނާތީ އޭނާ ފަރުކޮޅުފުށީގައި އެކަހެރިކޮށް ޓެސްޓު ކުރަން ފަށައިފި އެވެ.

ރާއްޖޭގައި ކޮރޯނާވައިރަސްއާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖާމު މުހައްމަދު މަބްްރޫކު އަޒީޒު ވިދާޅުވީ، ސްލޮވޭނިއާއިން އައި އެ މީހާގެ ގައިން ބަލީގެ އަލާމާތްތައް ފެނުނީ އޭނާ މާލޭގައި ގާއިމްކޮށްފައިވާ ޓްރެވަލް ކްލިނިކަށް ދިޔުމުން ކަމަށެވެ.

މިހާރު އޭނާ ފަރުކޮޅުފުށީގައި އެކަހެރިކޮށް، ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ތިބީ 13 މީހުންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ފަސް މީހުންނާއި ކުރަމަތި ރިސޯޓުން ދެ މީހުންނާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެ މީހުންނާއި އަނަންތަރާ ދިގު ރިސޯޓުން ދެ މީހުން އަދި އައިލެންޑް ސަފާރީ ބޯޓުން ދެ މީހުންނެވެ.

ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީގައި މިވަގުތު ތިބީ 14 މީހުންނެވެ. އަދި ވިލިވަރު ކަރަންޓީނު ފެސިލިޓީގައި 11 މީހުން އެބަ ތިއްބެވެ.