16 Mar 2020, 21:19
އއ. މަތިވެރިން ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ މީހަކު ފެނުމާ ގުޅިގެން، އެ ރަށް ބަންދުކޮށް ޝައްކު ކުރެވޭ މީހުންގެ ޓެސްޓް ހަދަން ފަށައިފި އެވެ.
ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ، ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ފަދަ އަލާމާތްތަކެއް ހުރުމުން މަތިވެރިން ދެ މީހަކު އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުންނަކީ އެ ރަށަށް އައި ދެ ބިދޭސީން ކަމަށް މަބްރޫކު ވިދާޅުވި އެވެ.
އެ ރަށުގައި ގިނަ ގެސްޓްހައުސްތައް ހުންނައިރު، އެ ރަށަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ރަށެކެވެ.
"ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން މަތިވެރި އޮންނާނީ މޮނިޓަރިންގެ ހާލަތުގައި،" މަބުރޫކު ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ތިބީ 13 މީހުންނެވެ. އެއީ؛
ކުރެއްދޫ ރިސޯޓް: 5 މީހުން.
- ކުރަމަތި ރިސޯޓް: 2 މީހުން
- ސޭންޑީސް ބަތަލާ ރިސޯޓް: 2 މީހުން.
- އަނަންތަރާ ދިގު ރިސޯޓް: 2 މީހުން
- އައިލެންޑް ސަފާރީ ބޯޓް: 2 މީހުން.
މިހާތަނަށް ދިވެއްސަކު އެ ވައިރަހަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.