16 Mar 2020, 21:23
ރައްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް، ކޮވިޑް-19 އާ ގުޅިގެން ގްރޭޓާ މާލޭ ސަރަހައްދުގައި ހުރި ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ވެސް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފި އެވެ.
މިއަދު މާލޭގެ ޖިމްތަކާއި ފިޓްނަސް ސެންޓަރުތަކުގެ ވެރިންް ގުޅިގެން ބޭއްވި ބައްދަލުވުމުގައި އެގޮތަށް އަމަލުކުރަން ވަނީ ނިންމައިފ އެވެ.
ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ވަގުތީ ގޮތުން ބަންދުކުރަން ނިންމީ ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާއްމުން އެއްވެ އުޅޭ ހަރަކާތްތައް ނުބޭއްވުމަށް އަންގާފައިވާތީކަމަށްވެސް ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ގުޅިގެން ނެރުނު ނޫސް ބަޔާނުގައިވެ އެވެ. އަދި ބުނީ މާލެއެކޭ އެއްގޮތަށް މުޅި ރާއްޖޭގައިވެސް އެފަދަ ހިދުމަތްތައް ދޭ ފަރާތްތަކުންވެސް އެގޮތަށް އަމަލުކުރާނެކަމަށް އުއްމީދުކުރާ ކަމަށެވެ.
ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ބަންދުކުރަން ނިންމާފައިވަނީ މިމަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ.
މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެއީ އިޓަލީގެ ނުވަ މީހަކާއި ދެކުނު އެފްރިކާ މީހަކާއި އިނގިރޭސިވިލާތުގެ މީހަކާއި ޖަރުމަނު މީހެއްގެ އިތުރުން ތުރުކީ މީހެކެވެ.