12 Dec 2011, 16:31
އިންޑިޔާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް މިހާރު ކުރިމަތިވެފައިވާ ވިސާ ނުލިބުމުގެ މައްސަލަ ހައްލުވާނީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު ސޮއިކުރުމަށް މަސައްކަތް ކުރަމުން އަންނަ އެއްބަސްވުމުގައި ސޮއިކުރެވުމުން ކަމަށާއި އެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިންޑިއަން އެމްބަސީގެ އޮފިޝަލުންނާއި ފޮރިން މިނިސްޓްރީގެ އޮފިޝަލުން ގުޅިގެން މިއަދު އެމްއެންބީސީ ވަންގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ސޮއިކުރުމަށް މަސައްކަތް ކުރަމުން އަންނަ ފްރޭމްވޯކް އެގްރިމެންޓްގެ ޑްރާފްޓެއް ތައްޔާރުކޮށް އިންޑިޔާގެ މައި ސަރުކާރަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ސޮއި ކުރެވޭނީ އިންޑިޔާ ސަރުކާރުން އެޑްރާފްޓް ބެލުމަށް ފަހު ގޮތެއް ނިންމުމުން ކަމަށެވެ.
"ދެ ހާސް ނުވަ ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވާހަކަ ދެއްކުމަށް ފަހު ، ވިސާގެ ކަންތައްތައް ރަނގަޅު ކުރުމަށް ޓަކައި އެއްބަސްވުމެއް އެކުލަވާލައި، ފައިނަލް ޑްރާފްޓް މިހާރު ވާނީ ދިއްލީ އަށް ފޮނުވާފައި. ދެން ދިއްލީން މައްސައެއް ނެތް ކަމަށް ބުނުމުން އެއްބަސްވުމުގައި ސޮއިކުރެވިގެން ދާނީ،" އަސްލަމް ވިދާޅުވި އެވެ.
ޑްރާފްޓް ކޮށްފައިވާ އެއްބަސް ވުމުގައި ސޮއިކުރެވޭނީ ކިހާ ތާކުތޯ ނޫސްވެރިއަކު ސުވާލުކުރުމުން އަސްލަމް ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމުގައި ސޮއިކުރުން އަވަސް ކުރެވޭތޯ ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަންގެ ޕްރެސް ސެކްރެޓަރީ ސީއެސް އަގަރުވާލު ވިދާޅުވީ އިންޑިޔާގައި ކިޔަވަމުންދާ ކުދިންގެ ބެލެނިވެރިންނަށް ޑިޕެންޑެންޓް ވިސާ ކުރިން ލިބެމުން ދިޔައީ އަރާފައިވާ އޮޅުމެއްގެ ސަބަބުން ކަމަށެވެ. އަދި މިހާރު އެގޮތަށް ވިސާ ނުލިބެނީ އެކަން ސާފުކޮށްދިނުމުގެ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައިވާ އިންޑިޔާގެ ހުރިހާ މިޝަން ތަކަކަށް އެކަން އެންގުމުން ކަމަށެވެ. އަދި ވިދާޅުވީ އިންޑިޔާ އިން ވިސާ ދޫކުރުމުގެ ގަވައިދަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި އަދި ދިވެހިންނަށް ވަކިން ހާއްސަ އުސޫލެއް ވެސް އިންޑިޔާ އިން ނުގެންގުޅޭ ކަމަށެވެ. އަދި ވިދާޅުވީ ޑްރާފްޓްކޮށްފައިވާ އެއްބަސްވުމުގައި ސޮއިކުރުން އަވަސްކުރުމަށް ވެސް އިންޑިޔާ ހައިކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށެވެ.
ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާ ނުލިބިގެން މިހާރު ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް މިހާރުން މިހާރަށް ކޮށްދެވެން އޮތީ ކޮންކަމެއްތޯ ސުވާލުކުރުމުން އަގަރުވާލު ވިދާޅުވީ ކިޔަވާކުދިންގެ ބެލެނިވެރިންނަށް ހަ މަސް ދުވަހުގެ ޓޫރިސްޓް ވިސާގައި ދެވިދާނެ ކަމަށާއި އެހެންވީމާ މާބޮޑު މައްސަލައެއް ކުރިމައްޗެއް ނުވާނެ ކަމަށެވެ.
"މިހާރުން މިހާރަށް ކުރިމަތިވާ އެއްވެސް މައްސަލައެއް ނެތް. އަހަރެމެން މިހާރު ވެސް ހަ މަސް ދުވަހުގެ ޓޫރިސްޓް ވިސާ ދޫކުރަން،" އަގަރުވާލު ވިދާޅުވި އެވެ.