އިއްޔެ ގަތަރު އެއާވޭސްގެ ފްްލައިޓަކުން އައި ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހާ ވައިރަހަށް ނެގެޓިވްވެފައިވާ ކަމަށާއި، ސްޕެއިން އިން ރާއްޖެ އައި އިތުރު ދިވެއްސަކު ޓެސްޓު ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އިއްޔެ ސްޕެއިން އިން އައި ގަތަރު އެއާވޭސްގެ ފްލައިޓަކުން އައި ދިވެއްސެއްގެ ކިބައިން ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން އޭނާ ވަނީ ފަރުކޮޅުފުއްޓަށް ގެންގޮސް އެކަހެރިކޮށްފައެވެ.

އޭނާގެ ސާމްޕަލް ނަގައި ޓެސްޓު ހެދުމަށްފަހު މިރޭ އެޗްޕީއޭއިން ބުނީ އޭނާ ވައިހަށް ނެގެޓިވްވެފައިވާ ކަމަށެވެ.

އޭނާގެ އިތުރުން ސްޕެއިންއިން އައި އިތުރު ދިވެއްސެއްގެ ކިބައިން ކޮވިޑް-19ގެ އަލާމާތްތައް ފެންނާތީ އެ މީހާވެސް ފަރުކޮޅުފުއްޓަށް ގެންގޮސްފައިވާ ކަމަށް އެޗްޕީއޭއިން މިރޭ ބުންޏެވެ. އަދި އެ މީހާގެ ސާމްޕަލް ނަގައި ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެޖެންސީއިން ބުންޏެވެ.

އެ މީހާ އަކީ އިއްޔެ އައި ގަތަރު އެއާވޭސްގެ ފްލައިޓުން އައި މީހެއް ކަމެއް ނުވަތަ ނޫން ކަމެއް އެޗްޕީއޭއިން އަދި ހާމައެއް ނުކުރެއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ތިބީ 13 މީހުންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ފަސް މީހުންނާއި ކުރަމަތި ރިސޯޓުން ދެ މީހުންނާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެ މީހުންނާއި އަނަންތަރާ ދިގު ރިސޯޓުން ދެ މީހުން އަދި އައިލެންޑް ސަފާރީ ބޯޓުން ދެ މީހުންނެވެ. އަދި މިހާތަނަށް ދިވެއްސަކު އެ ވައިރަސްއަށް ޕޮޒިޓިވްވެފައި ނުވެއެވެ.