ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް، ކޮވިޑް-19 މެލޭޝިޔާގައި ހަލުވިކަމާއެކު ފެތުރެމުންދާތީ މުޅި އެ ގައުމު ލޮކްޑައުން ކޮށްފި އެވެ.

މިއާއެކު މެލޭޝިޔާއަށް މީހުން އެތެރެވުން އަދި އެގައުމުގައި ތިބި އެއްވެސް ރައްޔިތަކު އެގައުމުން ބޭރަށް ދިޔުން މަނާވާނެ އެވެ. އެ ގައުމުގެ ސަރުކާރުން މި ނިންމުން ނިންމީ ކޮރޯނާ ވައިރަހުގައި މެލޭޝިޔާ އިން 553 މީހަކު ބައްޔަށް ޕޮސިޓިވް ވުމާ ގުޅިގެން ނިންމި ނިންމުމެކެވެ.

"މިކަމުގައި އިތުރު ގެއްލުންތައް ލިބެންދެން މަޑުކުރެވޭކަށް ނެތް. އާއްމު އެއްވުންތައް ހުއްޓުވާ މިކަމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ ލިބޭ ގެއްލުންތައް އިންތިހާއަށް ބޮޑުވާނެ،" މެލޭޝިޔާގެ ބޮޑުވަޒީރު މުހިއްދީން ޔާސިން މިރޭ ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވި އެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އެކަނި ވެސް މެލޭޝިޔާއިން 125 މީހަކު ކޮރޯނާއަށް ޕޮސިޓިވް ވެފައިވާ އިރު މާދަމާއިން ފެށިގެން ދެ ހަފުތާގެ ނިޔަލަށް މެލޭޝިޔާ އެއްކޮށް ލޮކްޑައުން ވާނެ ކަމަށް ބޮޑުވަޒީރު ޔާސިން ވަނީ ވިދާޅުވެފަ އެވެ.

މި މުއްދަތުގެ ތެރޭގައި މެލޭޝިޔާގެ އެއްވެސް ސަރަހައްދެއްގައި އެއްވުންތައް ބޭއްވުމާއި ސުޕަމާކެޓްތަކާއި ޒަރޫރީ މުދާ ވިއްކާ ފިހާރަތަކާއި އަސާސީ ހިދުމަތްތައް ދޭ އޮފީސްތައް ފިޔަވާ އެހެން ތަންތަން ހުޅުވާފައި ބެހެއްޓުން ވެސް މަނާވާނެ އެވެ.

މުޅި ދެކުނު އޭޝިޔާގައި ވެސް އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައިވާ މެލޭޝިޔާގައި މި ބަލި އެހާ ބޮޑަށް ފެތުރެން ދިމާވި ސަބަބެއް ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ބުނަނީ، އެގައުމުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ބޭއްވި ދީނީ ބޮޑު އެއްވުމެއްގެ ސަބަބުންނެވެ. އެ އެއްވުމަށް 16،000 އެއްހާ މީހުން ޖަމާވި އިރު އެކަމުގެ ސަބަބުން އެކަނި ވެސް 95 މީހަކަށް ބަލި ޖެހިފައިވާ ކަމަށް އެގައުމުން ވަނީ ބުނެފަ އެވެ.