16 Mar 2020, 19:36
ކ. ގިލި ލަންކަންފުށި ރިސޯޓުން ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެންނަ ދިވެއްސެއްގެ ސާމްޕަލް ނަގައި ޓެސްޓު ހެދުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީ)އިން ފަށައިފި އެވެ.
އެޗްޕީއޭއިން ބުނީ ގިލި ލަންކަން ފުށިން ޝައްކު ކުރެވޭ މީހާ މިވަގުތު ބަހައްޓާފައި ހުރީ ރިސޯޓުގައި އެކަހެރިކޮށްފައި ކަމަށެވެ.
އެ މީހާގެ ސާމްޕަލް ނަގައި ޓެސްޓުކޮށް ނިމެންދެން އެ ރަށް އޮންނާނީ މޮނިޓަރިންގައި ކަމަށްވެސް އެ އެޖެންސީއިން ބުންޏެވެ.
މިހާރު ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ތިބީ 13 މީހުންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ފަސް މީހުންނާއި ކުރަމަތި ރިސޯޓުން ދެ މީހުންނާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެ މީހުންނާއި އަނަންތަރާ ދިގު ރިސޯޓުން ދެ މީހުން އަދި އައިލެންޑް ސަފާރީ ބޯޓުން ދެ މީހުންނެވެ.
އަދި މިހާތަނަށް ދިވެއްސަކު އެ ވައިރަސްއަށް ޕޮޒިޓިވްވެފައި ނުވެއެވެ. ހުޅުމާލެއިން ޝައްކު ކުރެވިގެން ގެންދިޔަ މީހާވެސް ނެގަޓިވްވެފައިވާ ކަމަށް މިރޭ އެޗްޕީއޭއިން ވަނީ ބުނެފައެވެ.