ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އިން 2009 ވަނަ އުނިކުރި އަދި މިދިޔަ ޖެނުއަރީ މަހު އިޔާދަ ކުރި 443 މިލިއަން ރުފިޔާގެ މުސާރަ ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅުއްވައި ދެއްވުމަށް އެދި ސިވިލްސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް މިއަދު ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުން 2010 ވަނަ އަހަރު އުނި ކުރި 443 މިލިއަން ރުފިޔާ އާއި ސިވިލްސާވިސްގެ މުވައްޒަފުންގެ ތެރެއިން މުސާރައިގެ ކުރިއެރުމުގެ ފިޔަވަޅުތަކަށް ބަދަލު ކުރެވޭނެ ކަމަށް އަަންނަ އަހަރު އަންދާޒާކުރާ 80 ޕަސެންޓް މުވައްޒަފުންނަށް ހިނގާނޭ ޚަރަދުގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިދެއްވުމަށެވެ.

ފަހުމީ މިއަދު ވިދާޅުވީ ދަށު ކޯޓުންނާއި ހައި ކޯޓުން ވެސް ސިވިލް ސާވިސްގެ އިޔާދަ ކުރި މުސާރަ ދިނުމަށް ކަނޑައަޅާފައިވާތީ، ސުޕްރީމް ކޯޓުން ވެސް އެ ފައިސާ ދިނުމަށް ކަނޑައަޅައިފި ނަމަވެސް އެ ފައިސާ މުވައްޒަފުންނަށް ދެވޭނީ ވެސް ބަޖެޓްގައި ފައިސާ ހުރެގެން ކަމަށެވެ. ބަޖެޓްގައި އެ ފައިސާ ހިމަނައި ދެއްވުމަށް އެދިވަޑައިގަތީ އެހެންވެގެން ކަމަށް ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަކި ސިޓީއަކުން އެކަމަށް އެ ފައިސާ ބަޖެޓްގައި ހިމަނައިދެއްވުމަށް އެދިވަޑައިގަތީ، އޮފީސްތަކުން ބަޖެޓް ތައްޔާރު ކުރި އިރު އެ ފައިސާ ބަޖެޓްގައި ހިމެނުމަށް ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒު އިންކާރު ކުރެއްވުމުން ކަމަށެވެ.