16 Mar 2020, 19:07
ދާދި ފަހުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ސްޓޫޑަންޓް ލޯން ސްކީމަށް ދަރިވަރުންރުން ހޮވުމުގައި މަޖިލިސް މެމްބަރުންގެ ނުފޫޒެއް ނެތް ކަަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
މަތީ ތައުލީމުގެ ފުރުސަތުތައް ވީހާވެސް ގިނަ ދަރިވަރުންނަށް ހޯދައިދިނުމުގެ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 550 ލޯންގެ ފުރުސަތު ވަނީ ހުޅުވާލަައިފައެވެ. އޭގެ ތެރެއިން އިންތިހާބީ ދާއިރާތަކުގެ ކޮންމެ ދާއިރާއަކަށް އެއް ފުރުސަތު( ޖުމްލަ 87) ދޭން މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވަނީ ލޯން ސްކީމަށް މަޖިލިސް މެމްބަރުންގެ ފަރާތުން އެއްވެސް ނުފޫޒެއް އާދޭތޯ މިނިސްޓަރާ ސުވާލުކުރައްވައިފައެވެ.
އަޅުގަނޑު ކައިރީގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު މިވެނި ކުއްޖަކަށް ލޯނު ހަމަޖައްސައިދޭށެކޭ ވިދާޅެއް ނުވޭ. އެހެންވީމާ އަޅުގަނޑު ވަރަށް ހިތްހަމަ ޖެހޭ. އަޅުގަނޑުމެން ގާނޫނާއި ގަވައިދާ އެއްގޮތަށް އިންސާފުވެރިކަމާއެކު ކުރާ މަސައްކަތަށް ތިބޭފުޅުން ދެއްވާ ތަރުހީބަށް. އެހެންވީމާ އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުން،" މިނިސްޓަރު ވިދާޅުވިއެވެ.
ލޯން ސްކީމަށް ހޮވުނު ދަރިވަރުން އަންނަ މަހު އިއުލާންކުރެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މީގެ ކުރިން ލޯން ސްކީމަށް ކުރިމަތިލި ދަރިވަރުންގެ ގިނަ އެޕްލިކޭޝަންތައް ބާތިލްވީ އެ ޕްރޮސެސްގެ ތެރެއިން އެންމެ ރަނގަޅަށް މިނިސްޓްރީއަށް މައުލުމާތު ހިއްސާ ނުކުރެވުމުން ކަމަށެވެ.