ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުންގެ ރައްކާތެރިވުމުގެ ގޮތުން ސިއްހީ މައްސަލަތައް ހުންނަ ސްޓެލްކޯގެ ބައެއް މުވައްޒަފުން ސީދާ ކަސްޓަމަރުންނާ މުއާމަލާތް ކުރަން ނުޖެހޭގޮތް ހަދައިފި އެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ސިއްހީ މައްސަލަތައް ހުންނަ މީހުން ކަސްޓަމަރުންނާ މުއާމަލާތް ކުރުމުގެ ބަދަލުގައި ދެން މަސައްކަތް ކުރާނީ އޮފީސްގެ އެތެރޭގެ މަސައްކަތްތަކުގައި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ފްރޮންޓް ޑެސްކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، މަސައްކަތުގެ ދާއިރާގެ ގޮތުން ކަސްޓަމަރުންނާއި ސީދާ މުއާމަލާތް ކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން ނޭވާލާ ނިޒާމާއި، ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ މުވައްޒަފުންނާއި، ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަންޖެހޭ ފަދަ ބައްޔެއް ކުރިމަތިވެފައިވާ މުވައްޒަފުންގެ އިތުރުން، މާބަނޑު އަދި ދެ އަހަރު ނުވާ ތުއްތު ކުދިން ގެންގުޅޭ މުވައްޒަފުންނެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮރޯނާވައިރަސް އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ބިދޭސީންނެވެ. އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ފަސް މީހަކާއި، "އައިލެންޑް ސަފާރީ-1" ނަމަކަށް ކިޔާ ސަފާރީން ޕޮޒިޓިވްވި ދެ މީހަކާއި، ސޭންޑީޒް ބަތަލާއިން ދެ މީހަކާއި، ކުރަމަތި ރިސޯޓުން ދެމީހަކާއި އަނަންތާރާ ދިގު ރިސޯޓުން ޕޮޒިޓިވްވި ދެ މީހެކެވެ.