12 Dec 2011, 15:02
ކ. އަތޮޅު ތިލަފުއްޓަށް ކުނިއެޅުމާ ބެހޭ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަލަށް ހަދާ ގަވާއިދުގެ ދަށުން ރިސޯޓްތަކުން ތިލަފުއްޓަށް ކުނި އެޅުމަށް މަހު ފީއެއް ދައްކަން ޖެހޭނެ ކަމަށް އެންވަޔަރަމަންޓަލް ޕޮރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
އިޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ ތިލަފުއްޓަށް ހަރުދަނާ އުސޫލެއްގެ ދަށުން ކުނި އެޅުމާ ބެހޭ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ސިޓީ ކައުންސިލާއި އެޖެންސީން ގުޅިގެން ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި އެ ގަވާއިދު އެކުލަވާލައި ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަލަށް އެކުލަވާލާ ގަވާއިދުގައި ތިލަފުއްޓަށް ކުނި އެޅުމާ ބެހޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިފައިވާނެ ކަމަށާއި އެ ގަވާއިދާ ހިލާފުވާ ފަރާތްތަކުން ޖޫރިމަނާއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މަހު ފީގެ ގޮތުގައި އަދި ޖޫރިމަނާގެ ގޮތުގައި ނަގާނީ ކިހާވަރެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"އަލަށް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ގަވާއިދު ހެދިގެން އަންނަ އިރު ތިލަފުއްޓަށް ކުނި އެޅޭނީ މަހު ފީއެއް ނަގައިގެން، އަދި ކުނި ގެންނަ ފަރާތްތަކުން ކުނި ގެންނައުމުގެ ކުރިން މާލޭ ސިޓީ ކައުންސިލަށް ކުނި ގެންނަ ތަނަކާއި ގެންނަ ގަޑިއެއް ވެސް އަންގަން ޖެހޭ،" އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވީ ތިލަފުށީ ފަޅުތެރެއަށް އެޅިފައިވާ ކުނިތައް ނެގުމަށް އެމްއެންޑީއެފާ އެކު ފެށި، ސާފުކުރުމުގެ މަސައްކަތް ނިމިފައި ވީނަމަވެސް، އަލުން އޮޕަރޭޝަނަށް ފެއްޓޭ ވަރަށް ރިސޯޓްތަކުން ގެންނަ ކުނިތައް އެޅުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ނުނިމޭ ކަމަށާއި އަލަށް އެކުލަވާލާ ގަވާއިދުގެ ދަށުން އެސަރަހައްދަށް ކުނި އަޅާ ފަރާތްތަކުން ޗާޖުކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އަލުން ކުނި އެޅުމުގެ މަސައްކަތް ފެށޭ ވަރުވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
މާލެ އަތޮޅު ތިލަފުއްޓަށީގެ ފަޅުތެރެއަށް ރިސޯޓްތަކުން ގެންނަ ކުނިތައް އެޅި ކުނިތައް އޮޔާދަމަމުން ގެންދާ މައްސަލަ ބޮޑުވެގެން ރިސޯޓްތަކުން ގެންނަ ކުނި އެޅުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: