ސައްހަ ނޫން މައުލޫމާތު ފަތުރާ ބްރޯޑްކާސްޓަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.

ބްރޯޑްކޮމްއިން މިއަދު ނެރުނު އެޑްވައިޒަރީއެއްގައި ބުނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މިދަނޑިވަޅުގައި، އާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މައުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، އެކަމާ ގުޅޭ އެންމެހާ ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެއިތުރުން، ކޮވިޑް-19 އާއި ބެހޭ ގޮތުން މައުލޫމާތު ގެނެސްދިނުމުގައި ތިން ކަމަކަށް ސަމާލުކަން ދިނުމަށް ބްރޯޑްކޮމްއިން އެދުނެވެ.

  • ބްރޯޑްކާސްޓަރުން ގެނެސްދޭ މައުލޫމާތަކީ ކަމާ ބެހޭ އިދާރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު (ވެރިފައިކޮށްފައި) ގެނެސްދޭ މައުލޫމާތަކަށްވުން.

  • މައުލޫމާތު ގެނެސްދިނުމުގައި ސިއްހީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި ލަފާގެ މަތިން ގެނެސްދިނުން.
  • ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތު ނުފެތުރުން.

"އަދި މި ހައްސާސް ދަނޑިވަޅުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ ކޮވިޑް-19 ގެ ހަބަރާއި މައުލޫމާތު މި ކޮމިޝަނުން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެކަމާއި ގާނޫނާއި ގަވާއިދުގެ އިމުން ބޭރުން ކޮންޓެންޓް ގެނެސްދޭ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅު އަޅާނޭ ވާހަކަ ވެސް ދަންނަވަމެވެ." އެ އެޑްވައިޒަރީގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ކޮވިޑް-19 ގެ މައުލޫމާތުތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކަށް އިލްތިމާސްކުރާ ކަމަށްވެސް އެ އެޑްވައިޒަރީގައިވެ އެވެ.

ސައްހަ ނޫން މައުލޫމާތު ބްރޯޑްކާސްޓު ކުރާ ފަރާތްތަަށް ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކޮމްއިން ބުނެފައިވާއިރު ޕްރިންޓް އަދި އޮންލައިން މީޑިއާތަކުގެ ބެލެނިވެރި ފަރާތް މީޑިއާ ކައުންސިލުންވެސް ވަނީ ކޮވިޑް-19އާ ގުޅޭ ދޮގު ހަބަރު ފަތުރާ ޕްރިންޓު އޮންލައި ނޫސްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.