ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ވަންނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފިއެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގައި ހެލްތު އިމަޖެންސީ އިއުލާންކޮށްފައިވާތީ އަންނަ މަހުގެ 18 ވަނަ ދުވަހަށް އިންތިޚާބުގެ ވޯޓުލުން އިލެކްޝަންސް ކޮމިޝުން ވަނީ ފަސްކޮށްފައެވެ. އެ ކޮމިޝަނުން ބުނީ އެ ތާރީޚަކީ ގާނޫނީ ގޮތުން އިންތިޚާބު ފަސްކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވާ އެންމެ ފަހުގެ ތާރީޚު ކަމަށެވެ.

މުއްދަތެއް ނެތް ގޮތަށް އިންތިޚާބު ފަސްކުރަން އީސީން ހައިކޯޓަށް އިއްޔެ މައްސަލަ ހުށަހެޅީ، ހެލްތް ޕޮރޮޓެކްޝަން އެޖެންސީއިން ރާއްޖޭގެ ސިއްހީ ހާލަތު އާންމު ހާލަތަކަށް އިއުލާން ކުރާ ދުވަހުން ފެށިގެން އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށެވެ.

ސީއެސްސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އެ ކޮމިޝަނުން އެ މައްސަލައަށް ތަދައްޚުލްވާން ނިންމީ ސިވިލް ސާވިސް މުވައްޒަފުންގެ މަސްލަހަތުތަކެއް އޭގައި ހިމެނޭތީ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަންޑާރަނައިބުގެ ލަފަޔަކަށްވެސް އެދިފައިވާ ކަމަށް ސީއެސްސީން ބުނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގައި ބުނާގޮތުން، ސީއެސްސީ މުވައްޒަފަކު ކައުންސިލަށް ކުރިމަތިލައިފިނަމަ، އެމީހަކު އެ އިންތިހާބަކަށް ކުރިމަތިލާ ތާރީހުން ފެށިގެން އެމީހަކު ހުރި ސިވިލް ސާވިސްގެ ވަޒީފާއިން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑްވީއެވެ. އަދ އިންތިހާބަށް ކުރިމަތިލީ ގޮނޑިއަށް އެމީހަކު ނުހޮވިއްޖެނަމަ، އެމީހާއަށް ވަޒީފާއަށް އެނބުރި ރުޖޫއަވުމުގެ ފުރުސަތު އެމީހަކަށް ދޭންވާނެ ކަމަށް އެ ގާނޫނުގައި ބުނެއެވެ.

ސަރުކާރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އާންމު ސިއްހީ ކުއްލި ހާލަތު 30 ދުވަހަށް އިއުލާންކޮށްފައެވެ. ކުއްލި ހާލަތު ނިމޭނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ. އެއާއެކު އިންތިހާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ އަންނަ މަހު 18 ވަނަ ދުވަހާމެދު އެންމެ ހަ ދުވަސް އޮތުމުން ސިޔާސީ ޕާޓީތަކުން ވަނީ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ.

އިންތިހާބު ފަސްކުރުމަށް ހައި ކޯޓަށް ހުށަހެޅިއިރު، އާންމުންވެސް ދިޔައީ އިންތިހާބު ފަސްކުރުމަށް ގޮވާލަމުންނެވެ. މިހާތަނަށް ރާއްޖޭގެ ހަތަރު ރިސޯޓަކާއި އެއް ސަފާރީން 13 ބިދޭސީއަކު ވަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައެވެ.