16 Mar 2020, 17:19
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި އެ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް އިތުރު ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
މިދިޔަ ޖެނުއަރީ 21 ވަނަ ދުވަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުން އަހުމަދު ޒާހިރު އިސްތިއުފާ ދެއްވުމުން އެ މަގާމު އޮތީ ހުސްވެފައެވެ.
އެ މަގާމަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަމްޖަދު މުސްތަފާ އައްޔަންކޮށްފައެވެ. އަމްޖަދު ވަނީ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްކަން އަދާ ކުރައްވައިފައެވެ. އަދި އޭނާ ވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑު ޑިރެކްޓަރުކަންވެސް ކުރައްވައިފައެވެ.
އަމްޖަދަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއިން ބެޗެލާ އޮފް އާޓްސް އިން ޝަރީއާ އެންޑް ލޯ ފުރިހަމަކޮށްފައިވާ ބޭފުޅެކެވެ. އަދި އެންގްލިއާ ރަސްކިން ޔިނިވާސިޓީއިން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންވެސް ހާސިލުކޮށްފައިވެއެވެ.
އޭނާގެ އިތުރުން، އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ކުރީގެ އެޗްއޯޑީ، ކޯސް ކޯޑިނޭޓަރު އަދި ލެކްޗަރާ ހަސަން އިބްރާހިމްވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މިއަދު އައްޔަންކޮށްފައިވެއެވެ. އޭނާ ވަނީ މީގެ ކުރިން ޕީޖީ އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުވެސް އަދާކޮށްފައެވެ.
އޭނާ ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއިން ބެޗެލާ އޮފް އާޓްސް އިން ޝަރީއާ އެންޑް ލޯ އާއި އޮސްޓްރޭލިއާގެ ގައުމީ ޔުނިވާސިޓީއިން މާސްޓާސް އިން މެނޭޖްމަންޓު ހާސިލުކޮށްފައެވެ.