ކޮލަމްބޯ (މާޗް 16): ސްރީލަންކާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 22 އަށް އަރައިފިއެވެ.

ލަންކާގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސެސް، ޑރ. އަނިލް ޖަސިންހަ މިއަދު ވިދާޅުވި ގޮތުގައި އެގައުމުގައި އަލަށް ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 13 އަހަރުގެ އަންހެން ކުއްޖަކާއި 50 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނަކާއި 73 އަހަރުގެ ފިރިހެނެކެވެ.

ލަންކާގައި ވައިރަހަށް ޕޮޒިޓިވްވެފައިވާ ގިނަ މީހުންނަކީ އިޓަލީން އެގައުމަށް ދިޔަ މީހުންނެވެ. އަދި އެގައުމުން ވައިރަހަށް ޕޮޒިޓިވްވި އެގައުމުގެ ރައްޔިތަކީ އިޓަލީގެ ފަތުރުވެރިންނާއެކު މަސައްކަތްކުރި ޓުއާ ގައިޑެކެވެ.

ލަންކާގައި އެންމެ ފުރަތަމަ ވައިރަހަށް ޕޮޒިޓިވްވި މީހާއަކީ ޗައިނާގެ އަންހެނެކެވެ. އޭނާ ވަނީ ބަލި ރަނގަޅުވުމުން މިދިޔަ މަހު އެނބުރި ގައުމަށް ގޮސްފައެވެ.

ލަންކާއިން ވަނީ އެގައުމުގައި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގެ ސްކޫލުތައް ބަންދުކޮށް، އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާފައެވެ. އަދި ރާއްޖެއާއި ސިންގަޕޫރާއި ސީޝެލްސް އެ ގަވާއިދުން ފުރަތަމަ އިސްތިސްނާވި ނަމަވެސް، ފަހުން ލަންކާއިން ވަނީ ތިން ގައުމަށްވެސް އޮން އެރައިވަލް ވިސާ ނުދޭން ނިންމާފައެވެ.

ލަންކާއިން މިހާރު ހުރިހާ ބާވަތެއްގެ ވިސާ ދިނުން ހުއްޓާލާފައިވާ 12 ގައުމުގެ ތެރޭގައި ދެކުނު ކޮރެއާ، އީރާން، އިޓަލީ، ގަތަރު، ބަހްރެއިން، ފްރާންސް، ސްޕެއިން، ޖަރުމަނު، ޑެންމާކް، ނެދަލޭންޑްސް، ސްވިޑެން އަދި އޮސްޓްރިއާ ހިމެނެއެވެ.