ކޮރޯނާ ފެތުރުން ހުއްޓުވުމަށް އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ މިއަދުންފެށިގެން މިސްކިތްތަކުގައި ދީނީ ދަރުސް ދިނުން ވަގުތީގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި މިސްކިތްތަކާއި އާންމު ތަންތަނުގައި ދަރުސް ދިނުމުގެ ހުއްދަ ދީފައިވާ ހުރިހާފަރާތްތަކުންވެސް މިނިސްޓްރީ އިން އަންގަންދެން ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުތައް ހުއްޓާލަން އަންގާ ކަމަށެވެ.

އަދި އެއްވެ އުޅޭ ތަންތަނުގައި ދީނީ ނަސޭހަތް ދިނުމުގެ ބަދަލުގައި މާލެއާއި އަތޮޅުތަކުގައި ތިބި އިލްމުވެރިން، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ދަރުސް ދިނުމަށް އެ މިނިސްޓްރީއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮރޯނާ ޖެހިފައިވާ 13 މީހަކު ރާއްޖެއިން ފެނިފައިވާއިރު ބަލިން ރައްކާތެރިވުމަށް އާންމުކޮށް މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީ އިން މީގެ ކުރިން ވަނީ މިސްކިތްތަކަށް ކުޑަކުދިންނާއި ދުވަސްވީ މީހުން ނުދިޔުމަށްވެސް އިލްތިމާސް ކޮށްފައެވެ. އަދި ހުކުރު ދުވަހުގެ ހުކުރު ނަމާދު ވީހާވެސް ކުރުކޮށް ކުރުމަށް އެ މިނިސްޓްރީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.