12 Dec 2011, 14:42
ކާށިދޫ، "މަސްޖިދުއް ނިއުމާ" ގެ ހަރިންމަ ތެރެއިން ގަބުރު ފެނުމާއި ގުޅިގެން އެ މިސްކިތް ވަގުތީ ގޮތުން ބަންދު ކޮށްފި އެވެ.
ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން މިއަދު ވިދާޅުވީ އެ މިސްކިތް ހުރީ ރަށުގެ ގަބުރުސްތާނާއި ވަރަށް ކައިރި ސަރަހައްދެއްގައި ކަމަށާއި ކުރިން ސްކޫލްގެ ގޯތިތެރެއިން މިނިކަށި ފެނުމާއި ގުޅިގެން މިސްކިތުގެ ތެރޭގައި މިނިކަށި ހުރެދާނެ ކަމަށް ޝައްކުކުރެވޭތީ މިއަދު ހެދުނު ހަރިންމަ ތެރެ ކޮނުމުން ދެ ތަނަކުން ގަބުރު ފެނިފައިވާ ކަމަށެވެ.
"ޒުވާނުންގެ ބަޔަކު ކައުންސިލްގައި އެދުނީ މިސްކިތްތެރެ ކޮންނަން އެމީހުން ދެ ވަޅުގަނޑެއް ކޮނުނީ ގާތްގަނޑަކަށް މިސްކިތާ ދެ ފޫޓް ކައިރިން. ކޮނުމުން އެ ދެ ވަޅުގަނޑުން ވެސް ގަބުރު ފެންނަށް ހުރީމަ މިސްކިތުގެ ނަމާދުކުރުން މިހާރުވަނީ ވަގުތީ ގޮތުން ހުއްޓާލާފައި،" ސުލްތާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި މިސްކިތާއި ވަރަށް ކައިރިން މިނިކަށި ފެނުމާއި ގުޅިގެން މިސްކިތް ތެރޭގައި ވެސް މިނި ކަށި ހުރިކަމަށް ގަބޫލު ކުރެވޭތީ މިސް ކިތް ބަންދުކުރުމަށް ނުވަތަ މިސްކިތާއި މެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް އިސްލާމިކް މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށާއި، މިނސްޓްރީން އަދި ވަކި ޖަވާބެއް ނުދެއްވާ ކަމަށެވެ.
ނަމަވެސް މިއަދު ހެދުނުން ފެށިގެން ވަގުތީ ގޮތުން މިސްކިތް ބަންދުކޮށްފައިވާ ކަމަށް ކާށިދޫ ކައުންސިލުން ބުންޏެވެ.
އާބާދީގައި 2000 އަށްވުރެ ގިނަ މީހުން ހިމެނޭ ކާށިދޫގައި ހަތަރު މިސްކިތް ހުރެ އެވެ. މިއަދު ބަންދު ކުރީ ކާށިދޫގައި ހުކުރު ކުރާ އެންމެ ބޮޑު މިސްކިތެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: