16 Mar 2020, 18:31
ކޮރޯނާ ވައިރަސް އާ ގުޅުގެން ރާއްޖެ ކޮލްޑައުން އަކަށް ދާނެ ހާލަތެއް އަދި ނެތްކަމަށާއި އެ ހާލަތު އަތުވެއްޖެނަމަ އެކަންވެސް ކުރާނެ ކަމަށް ކޮރޯނާ އާއި ގުޅިގެން ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ރާއްޖެ ލޮކްޑައުން އަކަށް ދިޔުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ރާއްޖޭގައި ބަލީގެ ހާލަތު އޮތް ގޮތާއި، އެ ހާލަތުގައި ކަންކުރަންވީގޮތާމެދު ރައީސުލްޖުމްހޫރިއްޔާ، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާ(އެންއައިއޯސީ) އެކު މަޝްވަރާ ކުރައްވާ ކަމަށެވެ.
ރާއްޖެ މިހާރު އޮތީ ބަލީގެ ލެވެލް ރީނދޫގައެވެ. މި ބަލި ޖެހިފައިވާ 13 މީހަކު ރާއްޖެއިން ފެނިފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސިންނާއި ފަތުރުވެރިންނެވެ.
މަބްރޫކް މިއަދު ވިދާޅުވީ ރާއްޖޭގެ ހާލަތު ކޮންމެދުވަހަކުވެސް ބަދަލުވަމުންދާ ކަމަށާއި، މި ބަދަލުތަކާއެކު ރައްޔިތުންގެ ސަލާމަތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަނީ އެކްސްޕާޓުންގެ ލަފަޔާއެކު ކަމަށެވެ.
މަބްރޫކް ވަނީ ލޮކްޑައުން އަކަށް ދާން ޖެހިއްޖެނަމަ އެކަންވެސްކުރާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއިން ކޮރޯނާ އާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން އާންމުން އެއްވެ އުޅުން މަދުކުރުމަށް އިލްތިމާސްކޮށް އާންމުން އެއްވެ އުޅޭ ޕާކުތަކާއި މައިޒާންތައް ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކަށް ފަތުުރުވެރިން ގެނައުންވެސް ވަނީ ދެ ހަފްތާ އަށް މަނާކޮށްފައެވެ. މިއީ ރާއްޖޭގައި އިއުލާނުކޮށްފައިވާ 30 ދުވަހުގެ ޕަބްލިކް ހެލްތު އެމަޖެންސީގެ ދަށުން ނިންމި ނިންމުންތަކެކެވެ.
މިހާތަނަށް ރާއްޖެއިން ކޮރޯނާ އަށް ޓެސްޓު ކުރުމަށް 218 ސާމްޕަލް ނަގާފައިވާއިރު، އޭގެ ތެރޭ ހިމެނެނީ ބަލިޖެހިފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓު އޮވެގެން ޓެސްޓު ކުރި 125 ސާމްޕަލް އަކާއި ސާވަލަންސް ސާމްޕަލްގެ ގޮތުގައި ޓެސްޓުކުރި 50 ސާމްޕަލެކެވެ. ނަތީޖާ ނުލިބޭ 29 ސާމްޕަލެއް އޮތްއިރު ޓެސްތު ކުރި ސާމްޕަލްތަކުގެ ތެރެއިން 176 ސާމްޕަލެއް ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.