16 Mar 2020, 18:06
މިދިޔަ ޑިސެމްބަރުމަހު ޑޮކްޓަރުންގެ ތެރެއިން ސްޕެޝަލައިޒްވާން ހުޅުވާލި ނުވަ ފުރުސަތުގައި ކުރިމަތިލީ އެންމެ ހަ ދަރިވަރުންކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވީ ފުރަތަމަ ފަހަރު އެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލުމުން ޝަރުތުުހަމަވީ އެންމެފަސް ޑޮކްޓަރުން ކަމަށެެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް ބާކީ އޮތް ހަތަރު ޖާގައަށް ހުޅުވާލުމުން ކުރިމަތިލީ އެންމެ ޑޮކްޓަރެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މެޑިކަލް ދާއިރާގައި ސްޕެޝަލައިޒްވާން ޕްލޭސްމަންޓް ލިބެނީ ވަރަށް އުނދަގުލުން ކަމަށާއި ހުޅުވާލި ނުވަ ފުރުސަރަކީވެސް ހެލްތު މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު ހުޅުވާލި ފުރުސަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
" މެޑިކަލް ސްޕެޝަލައިޒޭޝަންއަކީ ވަރަށް ތަފާތު ފީލްޑެއް. ކުއްޖާގެ ޝައުގުވެރިކަންވެސް މިކަމަށް ހުންނަން ޖެހޭ. އަނެއްކާ ކުއްޖާ އެމްބީބީއެސް ހަދައިގެން މަސައްކަތްކުރާއިރު ޕީޑިއޭޓްރްރިކް ވޯޑްގައި މަސައްކަތް ކުރާ ކުއްޖާ ހިއެއް ނުވޭ ރޭޑިއޮލޮޖީ ދާއިރާއިން ސްޕެޝަލައިޒްވާން ބޭނުންވާނެ ހެނެއް" މިނިސްޓަރު ވިދާޅުވިއެވެ
ސްޕެޝަލައިޒްވާން ނޭޕާލްގެ ޔުނިވާސިޓީން ދީފައިވަނީ ކޮންމެ ފީލްޑަކުން އެއް ދާއިރާއެކެވެ. އެ ފުރުސަތުތގެ ދަށުން މިހާރު ވަނީ ހަ ޑޮކްޓަރުން ނޭޕާލްގައި ކިޔަވަން ފަށައިފައެވެ.
ދާދި ފަހުން މިނިސްޓްރީން ހުޅުވާލި ލޯން ސްކީމްގެ ދަށުން 550 ޖާގަ ހުޅުވާލިއިރު 11 ޖާގަ ހާއްސަކޮށްފައިވަނީ މެޑިސިންގެ ދާއިރާތަކަށެވެ. މިނިސްޓަރު ވިދާޅުވީ އަންނަ މަހު ލޯން ސްކީމަށް ހޮވުނު ދަރިވަރުންގެ ނަންތައް އިއުލާންކުރާނެ ކަމަށެވެ.