16 Mar 2020, 15:49
ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ތިބި 65 އަހަރުން މަތީގެ ހުރިހާ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ރާއްޖެއިން 13 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، މިއީ އުމުރުން ދުވަސްވީ މީހުންނާއި، އެހެން ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް އޭގެ ސަބަބުން ނުރައްކާ ބޮޑު ބައްޔެކެވެ.
ކޮރޯނާ ވައިރަސްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވާހަކަދައްކަވަމުން ސަރުކާރުގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ބަލީގެ ނުރައްކާ ބޮޑުވާތީ ރާއްޖޭގައި ތިބި 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު އެއްކުރަން ފަށާފައިވާ ކަމަށެވެ.
އެގޮތުން މިހާރު ކަމާބެހޭ ފަރާތްތަކުގެ އިރުޝާދު ލިބިގެން ރާއްޖޭގައި ތިބި އުމުރުން 65 އަހަރުން މަތީގެ ހުރިހާ އެންމެން ދިރިއުޅެމުން އަންނަ ތަންތަނާއި އެމީހުންގެ ސިއްހީ ހާލަތު ދެނެގަތުމަށް ޓީމަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިހާރު އިރުޝާދު ލިބިގެން ކަން ކުރެވެމުންދާ ގޮތަކީ ރާއްޖޭގައި ތިބި 65 އަހަރުން މަތީގެ ހުރިހާ ބޭފުޅުން ތިބި ތަންތަނާ އެބޭފުޅުންގެ ސިއްހީ ހާލަތު ހޯދުމުގެ މަސައްކަތެއް މިހާރު ޓީމަކުން އެބަ ފައްޓައިގެން ކުރިއަށް ގެންދޭ،" މަބްރޫކް ވިދާޅުވިއެވެ.
ޕެންޝަން އޮފީހުގެ 2018 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި އުމުރުން 65 އަހަރު ފުރިގެން އިނާޔަތް ލިބޭ 17،000 މީހުން އެބަތިއްބެވެ.
ދުނިޔެއިން މިހާތަނަށް 169،000 އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، އޭގެތެރެއިން 6513 މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި އެންމެ ގިނައީ 80 އަހަރުން މަތީގެ މީހުންނެވެ.