16 Mar 2020, 15:51
ކޮވިޑް19އާ ގުޅިގެން އައިސީޔޫގައި ހުރި އެނދުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ދަރުބާރުގޭގައި ގާއިމުކޮށްފައިވާ ނޭޝަނަލް އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ވައިރަހާ ގުޅިގެން ރާއްޖޭގެ އައިސީޔޫ އެނދުގެ ޖާގަވެސް އިތުރު ކުރަމުންދާ ކަމަށެވެ.
"އަމާޒަކީ ހަމަ 200 އައިސީޔޫ އެނދު ތައްޔާރުކުރުން ފުލް ކެޕޭސިޓީ އާއެކު. އެކަމަށް ބޭނުންވާ ހުރިހާ އިކުއިޕްމަންޓަކާ އެކު. އެކަން ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް އެބަ ދޭ،" މަބްރޫކު ވިދާޅުވިއެވެ.
އައިސީޔޫގެ ޖާގަ މިހާރު ރާއްޖޭގައި ހުރި މިންވަރެއް މަބްރޫކު ހާމައެއް ނުކުރައްވައެވެ. އަދި އައިސީޔޫގެ ޖާގަ އިތުރު ކުރަނީ ކޮންތާކުކަމެއްވެސް މަބްރޫކު ހާމައެއް ނުކުރައްވައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ: އައިސީޔޫގެ ކެޕޭސިޓީ 200 އަށް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި - ސަން ފޮޓޯ/ އަހްމަދު ސައީދު
އައިސީޔޫގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުން ދަނީ އައިސޮލޭޝަން އަދި ކަރަންޓީން ފެސިލިޓީގެ ޖާގަތައްވެސް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވިލިވަރުގެ ޖާގަ 100އަށް ބޮޑު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އއ. ވެލިދޫގައި ހިންގަމުން އައި ވެލިދޫ އައިލެންޑް ރިސޯޓު ވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރަމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިހާރު ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ ވިލިވަރުގެ ޖާގައަކީ 30 އެވެ. އަދި ފަރުކޮޅުފުށީގެ ޖަގަ އަކީ 50 އެވެ.
މިހާތަނަށް ރާއްޖޭގެ ހަތަރު ރިސޯޓަކާއި ސަފާރީއަކުން 13 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އިޓަލީ މީހުން ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ. އެގޮތުން އިޓަލީގެ ނުވަ މީހަކު ހިމެނޭ އިރު، ސައުތު އެފްރިކާ، ޖަރުމަން، އިނގިރޭސީވިލާތް އަދި ތުރުކީއިން ކޮންމެ ގައުމަކުން އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ފިރިހެނުންނާއި ހަތް އަންހެނުން ކަމަށް މަބްރޫކު މިއަދު ހާމަކުރެއްވިއެވެ.