16 Mar 2020, 14:45
ކޮވިޑް19 އާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައިވާ ހާލަތުގައި ޓިއުޝަން ކްލާސްތަކާއި ވަކި މާއްދާ ކިޔަވައިދޭ ކްލާސްތައް މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އެކަން އަންގާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ރާއްޖޭގެ ހުރިހާ ސްކޫލުތަކަށާއި، ޓިއުޝަން ކްލާސްތަކާއި ގުރްއާން ކްލާސްތަކާއި ހުރިހާ ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައެވެ.
އެ ސާކިއުލާގައި އެޑިއުކޭޝަނުން ވަނީ ޓިއުޝަން ކްލާސްތަކާއި ވަކި މާއްދާ ކިޔަވައިދޭ ކްލާސްތައް ފަދަ އެއްވެސް ކަލާހަކަށް ދަރިވަރުން ނުފޮނުވަން ބެލެނިވެރިންނަށް އިލްތިމާސް ކޮށްފައެވެ.
އަދި ސްކޫލް ބަންދުކޮށްފައިވާ މުއްދަތުގައި މުދައްރިސުން ވެސް ފޭސް-ޓު-ފޭސްކޮށް އެފަދަ ކިލާސްތައް ނުނެގުމަށް ވެސް އެޑިއުކޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ ތެރޭގައި ރާއްޖޭގައި ހިންގާ ޓިއުޝަން ސެންޓަރުތަކާއި، ގޭގައާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކްލާސްތަކާއި، ޤުރްއާން ކްލާސްތަކާއި އެހެނިހެން ތައުލީމުދޭ ކްލާސްތަކުގައި ކިޔަވައިދިނުން ހުއްޓާލަން ވަނީ އަންގައިފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ފިޔަވަޅުތައް ހިނގަން ފަށާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށެވެ.
ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، ރާއްޖޭގައި ވަނީ 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފައެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރާއްޖޭގެ އެންމެހައި ސްކޫލުތަކާއި ތައުލީމުދޭ މަރުކަޒުތަކުގައި ކިޔަވައިދިނުން ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ.