12 Dec 2011, 14:19
އަލުން އެކުލަވާލި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް، ]241 ކޮމެޓީ[ މެންބަރުން ކަނޑައަޅާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގައި ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީތަކުގެ ބައެއް މެންބަރުން ޕަޓީ ބަދަލު ކުރެއްވުމާގުޅިގެން، އެ ކޮމިޓީގައި ޕާޓީތަކުން މެންބަރުން ހިމަނައި ވަކި ޕާޓީ އަކަށް ނިސްބަތްނުވާ މެންބަރުންނާ މެދު މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެވަޑއިގެންފައިވާ ގޮތުގެ މަތިން އެ ކޮމިޓީ ފާސްކޮށްފައި ވަނީ ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 63 މެންބަރުންގެ އިއްތިފާގުންނެވެ.
ތޭރަ މެންބަރުންގެ މައްޗަށް އެކުލަވައިލި 241 ކޮމިޓީން އެމްޑީޕީ އަށް ފަސްގޮނޑި ލިބިފައިވާ އިރު، އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަ ވަނީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ، އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އާއި ދިއްދޫ ދާއިރާގެ މެންބަރު އަހްމަދު ސަމީރުގެ އިތުރުން ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޑީއާރްޕީ އަށް ލިބިފައިވާ ދެ ގޮނޑިއަށް ހަމަޖައްސާފައި ވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމެވެ. ޕީއޭ އަށް ލިބިފައިވާ ހަމައެކަނި ގޮނޑިއަށް ހަމަޖައްސާފައި ވަނީ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރުގެ ގޮތުގައި ޕަޓީގައި ހިމެނިވަޑައިގަންނަ ވަނީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެވެ. ގައުމީ ޕާޓީން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ. ވަކި ޕާޓީއަކަށް ނިސްބަތްނުވާ، މެންބަރުގެ ގޮތުގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަ ވަނީ ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ މުލަކު ދާއިރާގެ މެންބަރު އަބުދުﷲ ޔާމީނާއި، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އާއި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދެވެ. ޕާޓީގެ ނަމުގައި މަޖިލީހަށް އިންތިހާބު ވެގެން ނޫން ގޮތަކަށް ސިޔާސީ ޕާޓީއެއް ތަމްސީލް ނުކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު ހަމަޖެހިފައި ވާތީ، ޕީޕީއެމްގެ މަޖިލިސް މެންބަރުން ބަލަނީ މިނިވަން މެންބަރުންގެ ގޮތުގަ އެވެ.
އަލަށް 241 ކޮމިޓީ އެކުލެވިފައިވާ ގޮތަށް ބަލާ އިރު، ޕީޕީއެމްގެ ގޮނޑިއާ އެކު އިދިކޮޅު ފަރާތްތަކަށް ހަ ގޮނޑި ލިބިފައި ވީނަމަވެސް އަމިއްލަ ދެ މެންބަރުން އެމްޑީޕީކޮޅަށް ބުރަވެއްޖެ ނަމަ ކޮމިޓީގެ މެޖޯރިޓީ ލިބޭނީ އެމްޑީޕީ އަށެވެ. އެހެންކަމުން ކޮމިޓީ އެކުލެވިފައި ވަނީ ކޮމިޓީގެ ސާފު އަޣްލަބިއްޔަތު އެއްވެސް ފަރާތްކަށް ނުލިބޭ ގޮތަށެވެ. އެހެންނަމަވެސް ޕާޓީގައި ތިއްބެވި އަމިއްލަ މެންބަރުން ބުރަވެވަޑައިގަންނަވާ ކޮޅަކަށް މެޖޯރިޓީ ހޯދުމަށް ފަސޭހަވެގެންދާނެ އެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަކީ ސަރުކާރުންނާއި އިދިކޮޅު ފަރާތްތަކުން މެޖޯރިޓީ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ކޮމިޓީ އެވެ.