16 Mar 2020, 17:27
ކޮރޯނާވައިރަސް، ކޮވިޑް-19 ވައިރަސް އިން ރައްކާތެރިވުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން އައިޖީއެމްއެޗް އަށް ވަދެ ނިކުތުމަށް ބޭނުންކުރާ ދޮރުތަކަށް މާދަމާއިން ފެށިގެން ބަދަލު ގެނައުމަށް ނިންމައިފި އެވެ.
އައިޖީއެމްއެޗް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން އިމަޖެންސީ ރޫމް އަށް ވަންނަ ފަރާތްތަކުން ފުރަތަމަ ވަންނަން ޖެހޭނީ އިމާޖެންސީ ޕޯޓިކޯގައި ހަދާފައިވާ އިމާޖެންސީ ޓްރައިއޭޖް އަށް ކަމަށެވެ.
ޓްރައިއޭޖް އިން ހިދުމަތް ބޭނުންކުރުމަށްފަހުގައި ސިއްހީ ހާލަތަށް ބަލައި ފަރުވާ ހޯދުމަށް ދެން ދާން ޖެހޭނެ ތަނަކާ މެދު ހޮސްޕިޓަލުން އިރުޝާދު ދޭނެ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.
އައިޖީއެމްއެޗް އިން ބުނެފައިވަނީ އިމާޖެންސީ ރޫމް އަށް ވަނުމަށް އާންމުކޮށް ބޭނުންކުރާ ކޮރިޑޯ މިހާރު ބޭނުމެއް ނުކުރެވޭނެ ކަމަށެވެ. އެގޮތުން ވޯޑުތަކަށާއި ނޭޝަނަލް ކާޑިއެކް ސެންޓަރަށް ވަނުމަށް ބޭނުންވާ ފަރާތްތަކުންނަށް އެތަންތަނަށް ވަދެވޭނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ދޮރޯށިން ކަމަށް އައިޖީއެމްއެޗް އިން ބުނެ އެވެ. އަދި ލެބޯރެޓްރީ އަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންކުރަން ޖެހޭނީ ކަނބާ އައިސާ ރަނި ހިނގުމުގައި ހުންނަ ދޮރޯށި ކަމަށްވެސް އެ ހޮސްޕިޓަލް އިން ބުންޏެވެ.