ބެއިޖިން (މާޗް 16): މިދިޔަ ޑިސެމްބަރު މަހު އާ ބާވަތެއްގެ ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން، އެ ވައިރަހުގެ ސަބަބުން ޗައިނާގައި މަރުވި މީހުންނަށް ވުރެ އެހެން ގައުމުތަކުން މަރުވި މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އިތުރުވެއްޖެއެވެ.

ދުނިޔޭގައި ވައިރަސް ފެތުރެމުންދާ މިންވަރު ބަލަމުންދާ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީ ޓްރެކާގައިވާ ގޮތުން ޗައިނާ ނޫން އެހެން ގައުމުތަކުން ކޮރޯނާވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،296 އަށް އަރާފަ އެވެ. އަދި އެ ވައިރަހުގެ ސަބަބުން ޗައިނާއިން މިހާތަނަށް މަރުވެފައި ވަނީ 3،217 މީހުންނެވެ. އެއީ ހޮންކޮންގާއި ޓައިވާނުން މަރުވި މީހުންގެ އަދަދު ނުހިމަނައެވެ.

މީގެ އިތުރުން ވައިރަސް ޖެހިފައިވާ މީހުންގެ އަދަދުވެސް ވަނީ ޗައިނާއަށް ވުރެ އެގައުމުން ބޭރުގައި އިތުރުވެފައެވެ. އެގޮތުން ޗައިނާގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 81,020 ކަމަށްވާ އިރު އެހެން ގައުމުތަކުގައި 88،367 މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އެހެންކަމުން މުޅި ދުނިޔޭގައި މިހާރު 169,387 މީހުންނަށް ވައިރަސް ޖެހިފައިވާ އިރު، އޭގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 6,513 އަށް އަރާފައެވެ.

ޗައިނާއިން ބޭރުގައި އެންމެ ބޮޑަށް ވައިރަސް ފެތުރިފައި ވަނީ އިޓަލީގައެވެ. އެގޮތުން އިއްޔެ އެގައުމުން ވަނީ 24 ގަޑި އިރު ތެރޭ ވައިރަހުގެ ސަބަބުން 368 މީހަކު މަރުވެއެވެ. އެއާއެކު އެގައުމުގައި މަރުވި މީހުންގެ އަދަދު ވަނީ 1،809 އަށް އަރާފައެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 24،700 އަށް ވުރެ އިތުރުވެފައެވެ.

އިޓަލީގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތައް ކަމަށްވާ ސްޕެއިންއާއި ފްރާންސުގައިވެސް އިއްޔެއަކީ ވައިރަހުގެ ސަބަބުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެގޮތުން ސްޕެއިންގައި 97 މީހަކާއި ފްރާންސުގައި 29 މީހަކު މަރުވިއެވެ. އެހެންކަމުން ސްޕެއިންގައި މަރުވި މީހުންގެ އަދަދު މިހާރު 292 އަށް އަރާފައިވާ އިރު ފްރާންސުގައި އެ އަދަދު ވަނީ 127 އަށް އަރާފައެވެ.

ޔޫރަޕްގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ގިނަ ގައުމުތަކުން ވަނީ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިޓަލީ އެއްކޮށް ބަންދުކޮށްފައިވާ އިރު، ގިނަ އަދަދެއްގެ ގައުމުތަކުގައި ވަނީ ސްކޫލުތައް ބަންދުކޮށް އާންމު ތަންތަނުގައި އެއްވެ ނޫޅުމަށް އަންގާފައެވެ.

މީގެ އިތުރުން ވައިރަސް ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ފްލައިޓުތައް ކެންސަލްކޮށް، ބޭރު ގައުމުތަކުން ދާ އެންމެން 14 ދުވަހަށް އަމިއްލައަށް އެކަހެރިވާން އަންގާފައިވާ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ނިއުޒިލޭންޑް އަދި އިސްރާއީލް ހިމެނެއެވެ.