16 Mar 2020, 12:57
ކޮރޯނާވައިރަސް (ކޮވިޑް19)އާ ގުޅުވައިގެން ބައެއް ކުށްވެރިން ދުނިޔޭގެ ފެންވަރުގައި ފައިނޭންޝަލް ފްރޯޑްގެ މަސައްކަތްތަކެއް ކުރިއަށް ގެންދާތީ އެކަމަށް ސަމާލުވުމަށް އިންޓަޕޯލުން ހުރިހާ މެމްބަރު ގައުމުތަކަށް އަންގައިފިއެވެ.
އެކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ބުނީ ސާޖިކަލް މާސްކާއި އެހެނިހެން ބޭސްފަރުވާގެ ޑިމާންޑު ބޮޑުވެ، ފިހާރަތަކުން އެތަކެތި ލިބުން ދަތިވެފައިވާ ދަނޑިވަޅުގެ ނާޖާއިޒް ބޭނުން ހިފައި، އިންޓަނެޓް މެދުވެރިކޮށް ފޭކު ފިހާރަތަކާއި، ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާ އެކައުންޓްތަކާއި އަދި މިފަދަ ތަކެތި ވިއްކާކަމަށް ދައުވާކުރާ އީމެއިލް އެޑްރެސްތައް މިދުވަސްވަރު އިތުރުވެފައިވާކަން އިންޓަޕޯލުން އެންމެންގެ ސަމާލުކަށް ގެނެސްފައިވާ ކަމަށެވެ.
އަދި އާންމުން އޮންލައިންކޮށް ގަންނަ މާސްކާއި އެހެނިހެން މެޑިކަލް ސަޕްލައިތައް ނުލިބި އެމީހުންގެ ފައިސާތައް އޮންލައިންކޮށް ކުށްވެރިންނަށް ގެއްލޭ މިންވަރު އިތުރުވެފައިވާކަން ވެސް އިންޓަޕޯލުން ފާހަގަކޮށްފައިވާ ކަމަށެވެ.
އެގޮތުން ކޮވިޑް19 އާ ގުޅިގެން ކުށްވެރިން ހިންގާ ފްރޯޑް ސްކީމްތަކަކީ:
•ފޯނު ފްރޯޑް:ކްލިނިކް ނުވަތަ ހޮސްޕިޓަލް އޮފިޝަލުންގެ ނަމުގައި ކުށްވެރިން މީހުންނަށް ފޯނުކޮށް އެމީހުންގެ އާއިލާ މެމްބަރެއް ބަލީގެ ޝިކާރައަކަށްވެފައި ވާކަމަށް ބުނެ އެމީހުންނަށް ފަރުވާކުރުމަށް ޕޭމަންޓް ހެދުމަށް ބުނުން.
•ފިޝިންގ:ގައުމީ ނުވަތަ ބައިނަލްއަގުވާމީ ސިއްހީ މާހިރުންގެ ނަމުގައި މީހުންނަށް އީމެއިލްކޮށް އެ އީމެއިލްގެ ޒަރިއްޔާއިން މީހުންގެ ޒާތީ މައުލޫމާތާއި ޕޭމަންޓްގެ ތަފްސީލް ހޯދުން ނުވަތަ މެލްވެއާ ހިމެނޭ އެޓޭޗްމަންޓެއް ދީފައި އެ އެޓޭޗްމަންޓް ހުޅުވަން ބުނުން.
އެހެންކަމުން އޮންލައިންކޮށް އެއްޗެހި ގަތުމުގެ ކުރިން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އޮންލައިންކޮށް ވިޔަފާރިކުރުމުގެ ކުރިން، އެ ތަކެތި ވިއްކާ ކުންފުނި ނުވަތަ މީހަކީ ސައްހަ ފަރާތެއްތޯ ބަލައި ވެރިފައިކުރަން ފުލުހުން އިލްތިމާސްކުރެއެވެ.
އަދި އެއްޗެހި ގަންނަ ވެބްސައިޓުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށާއި އޮންލައިން ރިވިއުތައް ބަލައި އެއްވެސް ކަސްޓަމަރަކު ގަތް ތަކެތި ނުލިބިގެން އެ ވާހަކަ ވެބްސައިޓުގައި ލިޔެފައިވާނަމަ އެ ވެބްސައިޓުތައް ބޭނުން ނުކުރަން ވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެއާއެކު ކުންފުނި ހުރި ގައުމު ނޫން އެހެން ގައުމެއްގައި ހުރި ބޭންކް އެކައުންޓަކަށް ޓްރާންސެކްޝަން ހަދަން ބުނާނަމަ އެ ޕޭމަންޓް ނުހަދާ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމަށާއި ފްރޯޑް ވިކްޓިމްއަކަށް ވެއްޖެކަމަށް އަމިއްލައަށް ގަބޫލުކުރެވޭނަމަ ވީ އެންމެ އަވަހަކަށް ބޭންކަށް އެކަން އަންގާ އެ ޓްރާންސެކްޝަން ހުއްޓުވަން މަސައްކަތް ކުރުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.
އަދި ގޮތް ނޭނގޭ މީހުންނާއި އެކައުންޓްތަކުން ފޮނުވާ ލިންކްތަކާއި އެޓޭޗްމަންޓްތައް ނުހުޅުވުމަށާއި މެޑިކަލް އިކުއިޕްމަންޓްތައް ފޯރުކޮށްދޭކަމަށް ބުނެ ނުވަތަ މެޑިކަލް ޗެކްސް ހަދައިދޭނެކަމަށްބުނެ އީމެއިލްގެ ޒަރީއާއިން މީހުންގެ ޒާތީ މައުލޫމާތައް އެދޭނަމަ އެ އީމެއިލްތަކަށް އިޖާބަ ނުދިނުމަށް ވެސް ފުލުހުން އެދެއެވެ.
"ސަބަބަކީ، ސައްހަ ސިއްހީ އިދާރާތަކުން ޕޭޝަންޓުންގެ މައުލޫމާތު ހޯދުމަށް އީމެއިލް ގެ ޒަރިއްޔާ ބޭނުން ނުކުރާތީ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ދުވަސްވަރު އޮންލައިންކޮށް އެއްޗެހި ގަންނަ ނަމަ އެ ކުންފުންޏާއި ވެބްސައިޓްތަކަކީ ސައްހަ ވެއިބްސައިޓެއްތޯ ކަށަވަރުކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.