16 Mar 2020, 11:18
ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ ފަތުރުވެރިޔާ މަޑުކުރި، މާގިރި ހޮޓެލް ޑިސްއިންފެކްޓުކޮށް މިއަދު އަލުން ހުޅުވައިފި އެވެ.
ހޮޓެލް ޑިސްއިންފެކްޓު ކުރުމަށް ހޮޓަލުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލައި އެތަން ބަންދުކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
މިއަދު ހޮޓެލް އަލުން ހުޅުވާފައި ވަނީ އެތަން ޑިސްއިންފެކްޓުކޮށް އިންކިއުބޭޝަން މުއްދަތު ފުރިހަމަކުރުމަށްފަހުއެވެ. މިހާރު ހޮޓެލްގެ ހުރިހާ އޮޕަރޭޝަންތަކެއް ވަނީ އަލުން ފަށައިފައެވެ.
މާގިރި ހޮޓެލް ޑިސްއިންފެކްޓު ކުރުމަށް އެތަން ބަންދުކުރީ، ހޮޓަލުގެ މުވައްޒަފުންނާއި ގެސްޓުންނާއި ކަސްޓަމަރުންގެ ސަލާމަތަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، އަމިއްލަ އިސްނެގުމަށެވެ.
ކުރެއްދޫ އައިލެންޑު ރިސޯޓުގައި ހުރި ފަތުރުވެރިޔަކު ފުރައިގެން ދިއުމަށް ފަހު އޭނާ ކޮރޯނާވައިރަހަށް ޕޮޒިޓިވް ކަން ވަނީ އަންގައިފަ އެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އެ ފަތުރުވެރިޔާ ރާއްޖެއިން ފުރަން އެއާޕޯޓަށް ގޮސް ނުފުރިގެން އައީ މާލެ އަށެވެ. އަދި މާޗު އެއް ވަނަ ދުވަހާއި ދެވަނަ ދުވަހު އޭނާ މާލޭގައި މަޑުކޮށްގެން ހުރީ މާގިރި ހޮޓަލުގަ އެވެ.
އެ ފަތުރުވެރިޔާ މާގިރީގައި މަޑުކުރުމުގެ ސަބަބުން އެ ހޮޓަލުގެ 15 މުވައްޒަފަކު ސެލްފް އައިސޮލޭޝަނަށް ދާން އެޗްޕީއޭ އިން އެންގިއެވެ. ނަމަވެސް އެއްވެސް ސްޓާފެއްގެ ގައިން ބަލީގެ އަލާމާތެއް ފެނިފައެއް ނުވެއެވެ.
މާގިރި ހޮޓެލް ރަސްމީކޮށް ހުޅުވާފައި ވަނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. ހަތަރު ތަރީގެ އެ ހޮޓެލްގައި ހަތަރު ކެޓަގަރީ އެއްގެ ޖުމްލަ 52 ކޮޓަރި ހުރެއެވެ.
ހުޅުލެ ހުޅުމާލެ ބްރިޖްގެ ރީތި ވިއު އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވިއު އަދި މޫދާއި ކަނޑުގެ ވިއު ފެންނަ ކޮޓަރިތައް ހިމެނޭ މާގިރި ހޮޓެލް އަކީ ޗަމްޕާ ކްރައުމް އަދި ލިލީ ހޮޓެލްސް ގުޅިގެން ތަރައްގީކޮށްފައިވާ ހޮޓަލެކެވެ
ފަތުރުވެރިޔާ މާލޭގައި ހުރި އިރު ޓިކެޓް ނަގަން އެމިރޭޓްސްގެ އޮފީހަށް ވެސް ދިޔަ އެވެ. ޓިކެޓިން އޮފީހުން އޭނާއާ ކޮންޓެކްޓުވި މުވައްޒަފުގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނިގެން އޭނާގެ ޓެސްޓުތަކެއް ވެސް ހެދި އެވެ. އަދި ޓެސްޓުތަކުން އޭނާ އެ ވައިރަހަށް ނެގެޓިވް ކަމަށް ވަނީ ދައްކައިފަ އެވެ.
އިޓަލީ ފަތުރުވެރިޔާ ބަލިވެގެން އެންމެ ފުރަތަމަ ދެއްކީ އެ ރިސޯޓުގައި ހުންނަ ޑޮކްޓަރަށެވެ. އެ ޑޮކްޓަރު ކޮރޯނާ އަށް ޝައްކު ކުރެވިގެން ފަރުކޮޅުފުއްޓަށް ގެންގޮސް ހެދި ޓެސްޓުތަކުން އޭނާ ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވް ކަމަށް ވަނީ ދައްކައިފަ އެވެ.
މިހާތަނަށް ރާއްޖެއިން 13 މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފަ އެވެ.