16 Mar 2020, 11:32
މި މަހުގެ ދެވަނަ ދުވަހު އޮތް ޔޫއެފާ މީޓިންގްގައި ބައިވެރިވި ސްވިޓްޒަލެންޑުގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސް ޑޮމިނިކް ބްލަންކް ކޮރޯނާވައިރަހަށް ޕޮސިޓިވްވެއްޖެއެވެ.
ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޔޫރަޕުގެ ގައުމުތަކުގެ ކޮންޓްރޯލް ގެއްލި ގިނަ ބަޔަކަށް ބަލި ފެތުރެމުންދާ އިރު ގިނަ ފުޓުބޯޅަ ތަރިންނާއި މަޝްހޫރު ފަންނާނުންނަށް ވެސް ވަނީ މި ވައިރަސް ޖެހިފައެވެ. އެއާއެކު ޔޫރަޕުގެ ބޮޑެތި ހުރިހާ ފުޓުބޯޅަ ލީގުތަކާއި އެހެނިހެން ކުޅިވަރުތަކުގެ އިތުރުން އާންމު ހުރިހާ އެއްވުމެއް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.
މި މަހުގެ ތެރޭގައި ބޭއްވި ޔޫއެފާ މީޓިންގްގައި ބައިވެރިވި ސްވިސްގެ އެފްއޭގެ ރައީސް ބްލަންކް ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެ އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ. ޔޫއެފާ ބައްދަލުވުމުގައި ދެން ބައިވެރިވި ފަރާތްތަކަށް މި ބަލީގެ އަސަރުކުރުމުގެ ފުރުސަތު އެބަ އޮތެވެ. މި ބައްދަލުވުމުގައި ކްރޮއޭޝިއަން އެފްއޭގެ ރައީސް ޑެވޯ ސުކާއާއި ޕީއެސްޖީގެ ރައީސް ނަސީރް އަލް ޙަލަފީވެސް ބައިވެރިވިއެވެ.
އުމުރުން 70 އަހަރުގެ ބްލަންކް ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން ސްވިސް އެފްއޭގެ އޮފީހާއި އެސޯސިއޭޝަނުގެ ހިންގުން ވަނީ ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފައެވެ. އެހެން ނަމަވެސް ބްލަންކްގެ ހާލު ރަނގަޅުކަމަށާއި، ޖުމުލަކޮށް ބަލީގެ އަސަރު ކޮށްފައިވަނީ ކުޑަ މިންވަރަކަށް ކަމަށް ސްވިސް އެފްއޭއިން ބުނެއެވެ.
ކޮރޯނާގެ ސަބަބުން ޔޫއެފާއިން މިއަދު ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން ކުރިއަށް ގެންދާނީ ވީޑިއޯ ކޮންފަރެންސެއް ގޮތަށް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މިއަދުގެ ބައްދަލުވުމަކީ މިއަހަރު ޖޫން މަހު ބާއްވަން ހަމަޖެހިފައި އޮތް ޔޫރޯ ފަސްކުރުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ބާއްވާ ބައްދަލުވުމެކެވެ.